ENGLISH
22 ފެބްރުއަރީ 2026
މާރުކޭޓު ސަރަޙައްދުގެ ތޮށިގަނޑަށް ކައިރިކުރާ ކަނޑު އުޅަނދުތަކަށް ފެނާއި ކަރަންޓު ފޯރުކޮށްދެނީ
22 ފެބްރުއަރީ 2026
|
މާރުކޭޓު ސަރަޙައްދަށް ކައިރިކޮށްފައިވާ އުޅަނދުތަކެއް. ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް އެމްޕީއެލްއިން އަންނަނީ ކުރަމުން. ފޮޓޯ: އެމްޕީއެލް
އެންމެ މަޤްބޫލު
މާރުކޭޓު ކުރިމަިތިން ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑަށް ކައިރިކުރާ ކަނޑު އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.
އެމްޕީއެލްއިން ރޭ ފޭސްބުކްގައި އާއްމުކުރި ޕޯސްޓުގައި ބުނީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށާފައިވާ ކަމަށެވެ.
އުޅަނދުތައް އެ ސަރަޙައްދަށް ބަނދަކުރަން ފެށުމުން، މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން 'އޭ ޒޯން' އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި ހުޅުވާލުމާއެކު، ކަނޑު އުޅަނދުތަކަށް ވެސް ވަނީ ލުއިފަސޭަހަތައް ލިބިފައެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުން ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ބުނީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ މާރުކޭޓު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވާލުމާއެކު، މީގެކުރިން އެ ސަރަޙައްދުގައި އޮތް ޓްރެފިކްގެ މައްސަލައަށް ވަނީ ހައްލު ލިބިފައެވެ.