ENGLISH
19 ފެބްރުއަރީ 2026
ނޯތު ހާބަރު ތަރައްޤީކޮށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް ހުޅުވާލައިފި
19 ފެބްރުއަރީ 2026
|
މާލޭ ނޯތް ހާބަރު ޖެޓީ-- ފޮޓޯ: ޕޯޓްސް ލިމިޓެޑް
އެންމެ މަޤްބޫލު
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރ ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މި ސަރަހައްދު ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކަށް ހުޅުވާލާފައިވަނީ ރޭގެ 23:00 އިން ފެށިގެން ކަމަށެވެ. މި ސަރަޙައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި، ޤަވާއިދުތަކަށް ފެތޭ އުޅަނދުތައް އެކަނި ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.
އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކްލިއަރ ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެމްޕީއެލްއިން ވަނީ 3000 އަކަފޫޓްގެ ހިޔާ ކޮށްފައިވާ ޝެޑެއް ގާއިމްކޮށް ވިޔަފާރިވެރިންނަށް ޚިދުމަތް ދޭން ފަށާފަ އެވެ. މިއާއެކު ހަލާކުވާ ޒާތުގެ ކާބޯތަކެތި ފަސޭހަކާއެކު އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހި ވެގެންދެ ދިޔަ އެވެ.
މާލޭ ނޯތު ހަބާރު ސަރަޙައްދު އަލުން ހުޅުވާލުމާއެކު މި ޝެޑަށް މިހާރު އޮތް ބާރު ކުޑަވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.
ބޮޑުތަކުރުފާނުމަގުގެ ދެވަނަ ސެގްމެންޓްގައި ތަރައްޤީކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދު ތަރައްޤީކޮށްފައިވަނީ މަގު ފުޅާކޮށް، ތާރު އަޅައިގެންނެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށިން ގާތްގަނޑަކަށް ހަ މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން 14 މީޓަރަށް ވަނީ އިތުރުކޮށްފަ އެވެ. މި މަގު ތަރައްޤީކޮށްފައިވަނީ ހަތަރު ލޭނަކަށެވެ.
މި މަޝްރޫއު ނިމި މިހާރު އާންމުންނަށް ހުޅުވާލެވިފައިވާ އިރު، މާލެއަށް އަރައި ފޭބުން ފަސޭހަވެ، މާލެ ތެރޭގެ ދަތުރުފަތުރު ލުއިވެ ކާރޫބާރޫ ބޮޑުވުން ކުޑަވެގެން ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. އަދި ހަމައެއާއެކު އެ ސަރަހައްދުގައި ވިޔަފާރިކުރުމަށް ހިގާބިގާވެ އުޅެމުން އަންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއި އަވަސްކަމާއެކު ވިޔަފާރި ކުރެވޭކަން ރައްޔިތުން ފާހަގަކުރެ އެވެ.