ENGLISH

16 ފެބްރުއަރީ 2026

Advertisement

ބާޒާރު މަތީ މަގު ފުޅާކޮށް ހުޅުވުމާއެކު ކާރުބާރު ކުޑަވެ މުދާ އަރުވައި ބޭލުން ފަސޭހަވާނެ: ޑރ.މުއްތަލިބު

16 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވިގެންދިއުމާއެކު، އެ ސަރަހައްދުގެ ކާރުބާރު ކުޑަވެ، އެ ސަރަހައްދަށް އަންނަ އޮޑިފަހަރަށް މުދާ އަރުވައި ބޭލުމުގައި ލުއިފަސޭހަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

ބޮޑުތަކުރުފާނު މަގުގައި ތަރައްގީނުކޮށް އެޮތް ބައި ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގަމުންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލޭ ލޯކަލް މާރުކޭޓުން ފެށިގެން އެމްޕީއެލް ނޯތު ހާބަރާ ދެމެދުގެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ނިންމުމާ ގުޅިގެން އިއްޔެ ބޭއްވި ރަސްމިިއްޔާތަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޑރ.މުއްތަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުމުން މާލޭގައި ދިރިއުޅޭ އަދި މާލެއަށް ޒިޔާރަތްކުރާ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލޭ ލޯކަލް މާރުކޭޓާއި ނޯތު ހާބަރާ ދެމެދުގައި އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކީ މާލޭގައިވެސް އެންމެ ކާރުބާރު ބޮޑު އަދި މުދާ އަރުވައި ބޭލުމުގެ މަސައްކަތް އަބަދުހެން ހިނގަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން މަގު ހަދައިނިމި ބޭނުންކުރަން ފެށުމުން އެ ސަަރަހައްދަށް ކުރިމަތިވެފައިވާ ކާރުބާރު ބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

"މި ސަރަހައްދުގެ ކާރުބާރު ބޮޑުވުމަށް ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމުގައި އަޅުގަނޑު ދެކެނީ. އެއާއެއްކޮށް މުދާ އަރުވައި ބޭލުމުގައި އިތުރު ފަސޭހަކަމެއް ލިބޭނެ ކަމުގައި ގަބޫލުކުރެވެނީ،" ޑރ.މުއްތަލިބު ވިދާޅުވިއެވެ. 

އަދި މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގެ ފެނާއި ނަރުދަމާ އަޕްގުރޭޑުކުރުމާއެކު ފެންބޮޑުނުވާނެކަން ޔަގީންކުރުމަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ކުރެވިފައިވާކަމަށް ޑރ.މުއްތަލިބު ވިދާޅުވިއެވެ. 

އަދި އެ ސަރަހައްދަކީ ވަރަށް ގިނަ ބޯޓުފަހަރު ކައިރިކުރާ ސަރަހައްދަކަށްވާތީ ބަނދަރު ކައިރި ތަރައްގީކުރެވިފައިވަނީ އެ ބޯޓުފަހަރަށް ފެނާއި ކަރަންޓު ފަދަ ހިދުމަތްތައް ފަސޭހައިން ދެވޭނެ އިންތިޒާމުވެސް ގާއިމުކުރެވިގެންނެވެ. އެކަމަށް އިޝާރާތްކުރައްވައި މުއްތަލިބު ވިދާޅުވީ އެ ސަރަހައްދު ތަރައްގީކުރެވެނީ އެ ސަރަހައްދުގެ ހިދުމަތް ހޯދާ އެންމެންނަށްވެސް ފަސޭހަވާނެހެން ކަމަށެވެ.

އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ މަގު ފުޅާކުރެވި އެ މަގަަކީ ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރެވިގެންދިޔައީމަ އެ ސަރަހައްދުގެ އެތެރޭގެ މަގުތަކުގެ ޓްރެފިކާއި ކާރުބާރަށް ލުއެއް ލިބި މުޅި އެ ސަރަހައްދުން ދަތުރުފަތުރުކުރުމަށް ފަސޭހަވެގެންދާނެ ކަމެވެ. 

ރޯދަމަހުގެ ކުރިން އެ ސަރަހައްދުގެ މަސައްކަތް ނިންމައި ހުޅުވުމަށް ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލުވެގެންދިޔައީ ލިބުނު ކުރު މުއްދަތުގައި އެމްޓީސީސީން 24 ގަޑިއިރު މަސައްކަތްކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު