ENGLISH
16 ފެބްރުއަރީ 2026
ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ފެނަކަ ސަޢީދު ގޭ ބަންދަށް ބަދަލުކޮށްފި
16 ފެބްރުއަރީ 2026
|
ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދު،
އެންމެ މަޤްބޫލު
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމިއްލަ ކުންފުންޏަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ހިންގެވި މުއާމަލާތަކާ ގުޅިގެން ކޮރަޕްޝަނުގެ ކުށް ސާބިތު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަޙްމަދު ސަޢީދު, ގެ ބަންދަށް ބަދަލުކޮށްފި އެވެ.
ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ފެނަކަ ސަޢީދު ގެންދިޔައީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ބުނީ އޭނާ ޖަލު ބަންދުން ގެ ބަންދަށް ބަދަލުކުރީ އިއްޔެ ކަމަށެވެ. ބަންދަށް ލުއި ދިނީ އޭނާގެ ސިއްޙީ ހާލަތަށް ބެލުމަށް ފަހު ކަމަށް ވެސް ބުންޏެވެ. ގެ ބަންދަށް ބަދަލުކުރީ ވަގުތީ ގޮތުންނެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކަމެއް ނުބުނެ އެވެ.
ސައީދުގެ މައްޗަށް ދައުވާކުރީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގަ އެވެ. އެ މައްސަލާގައި ސައީދުގެ މައްޗަށް ދައުވާކުރީ އޭނާ އެމްޑީގެ މަގާމުގައި ހުންނަވައިގެން 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަސައްކަތް އެ ކުންފުނިން ފުރިހަމަކުރިކަން ޔަގީންނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރިކަމުގެ ތުހުމަތުގައެވެ.
މި މައްސަލާގައި ސައީދުގެ އިތުރުން އެއިރު އެ ކުންފުނީގެ ޕްރޮކިއުމެންޓު ހެޑުގެ ގޮތުގައި ހުންނެވި މަރިިޔަމް ދީނާގެ މައްޗަށް ދައުވާކުރިއެވެ.
މިގޮތަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)ގެ ގެއްލުމެއް ލިބިފައިވާކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އެ މައްސަަލާގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މައްސަލާގައި ދައުލަތުން ސައީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަަށެވެ. އަދި އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ވަނީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.
ސައީދުގެ އެމްޑީކަމުގައި ފެނަކައިގެ ތެރެއިން ގިނަ އަދަދެއްގެ ކޮރަޕްޝަން ހިންގާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާއިތުވި ބުރާސްފަތި ދުވަހު އާއްމުކުރި ފެނަކައިގެ ޕްރޮކިއުމެންޓާއި މާލީ ކަންކަމާ ގުޅޭ އޮޑިޓު ރިޕޯޓުން ހާމަވެފައިވެއެވެ.
އެގޮތުން ފެނަކައިގެ ތެރެއިން އަންނަނިވި ކަންކަން ހިންގާފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވިއެވެ.
* އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތި
* އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢު
* ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން
* ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން
* ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން
* ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން
އޮޑިޓު ރިޕޯޓުން ހާމަވި ކަންކަމާ ގުޅިގެން ފެނަކައިގެ އިސްވެރިންނާ ގުޅޭ ޖިނާއީ ތަހުގީގު ހިންގައި ކުށުގެ ތުހުމަތުވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.