ENGLISH

16 ފެބްރުއަރީ 2026

Advertisement

ތަކުލީފަކަށް ނިމުމެއް؛ ކުޅުދުއްފުށީގައި ސަރުކާރުގެ އައިނު ފިހާރަ މާދަން ހުޅުވަނީ

16 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ-- ފޮޓޯ: އެމްޓީސީސީ

އާސަންދަ މެދުވެރިކޮށް ހިލޭ އައިނު ހައްދައްދިނުމުގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ އައިނު ފިހާރަ މާދަމާ ހުޅުވަން ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ބުނެފި އެވެ.

ކުޅުދުއްފުށީގައި ހުޅުވާ އައިނު ފިހާރަ ހުޅުވައިދެއްވުމަށް ހަމަޖެހިފައިވަނީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް ކަމަށް އެމްސީޖީއެޗް އިން ބުނެފައިވެއެވެ. އަދި މި އައިނު ފިހާރަ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ 13:00ގަ އެވެ.

ރައްޔިތުން އައިނު ހައްދަން ކުރާ ބޮޑު ހަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް ސިއްހީ ހިދުމަތުގެ ތެރެއިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން، އައިނު ހެއްދޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފަ އެވެ.

ކުޅުދުއްފުށި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހުޅުވާ ހަތަރު ވަނަ އައިނު ފިހާރަ އެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހުޅުވާ ދެވަނަ ފިހާރަ އެވެ.

އެގޮތުން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ހުޅުވި އައިނު ފިހާރައަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި އައިނު ފިހާރަ އެވެ. މީގެ އިތުރުން އެމްސީޖީއެޗުން އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި ހިދުމަތްދެމުންނެވެ.

ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑު ޚަރަދު ކުރަންޖެހުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. އަދި، މީގެކުރިން އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ދެމުންގެންދިޔައީ 1000 ރުފިޔާ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރައްވާފަ އެވެ. އަދި ސަރުކާރު އައިނު ފިހާރަތަކާއެކު އާސަންދައިން ދޭ އެހީގެ އިމުގެ ތެރޭގައި އައިނު ހެއްދޭނެކަން ކަށަވަރުކުރެވިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު