ENGLISH
16 ފެބްރުއަރީ 2026
ފެބްރުއަރީގައި ފަތުރުވެރިން އައި މިންވަރު 13.6 އިންސައްތަ މައްޗަށް، އެންމެ ގިނައީ ޗައިނާ ފަތުރުވެރިން
16 ފެބްރުއަރީ 2026
|
ރާއްޖެއަށް އަައި ފަތުރުވެރިންތަކެއް ވީއައިއޭއަށް ފައިބަނީ، ފޮޓޯ: މޯލްޑިވިއަން
އެންމެ މަޤްބޫލު
ހިނގަމުންދާ ފެބްރުއަރީ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ފާއިތުވި 2025 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރުވެފައިވާކަން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން މިއަދު އާއްމުކުރި ހިސާބުތަކަށް ބަލާއިރު ހިނގަމުންދާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމްލަ 136،124 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 119،835 ފަތުރުވެރިންނާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ.
ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ 14 ފެބްރުއަރީއަށްވީ ހޮނިހިރު ދުވަހެވެ. އެ ދުވަހު 11،136 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެވެރެޖުކޮށް ފެބްރުއަރީ މަހު ދުވާލެއްގެ މައްޗަށް 9،075 މީހުން އައިސްފައިވެއެވެ.
މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށީގެން ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 360،912 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 334،698 ފަތުރުވެރިންނާ އަޅާބަލާއިރު 7.8 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހުގައި ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެ، 52،112 ފަތުރުވެރިން އެ ގައުމުން ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވެއެވެ. އެއީ ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ 14.4 އިންސައްތަ ފަތުރުވެރިންނެވެ.
ޖަނަވަރީ މަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުކަމަށްވާ ރަޝިޔާއިން ރާއްޖެއަށް އައިސްފައިވަނީ 41،020 ފަތުރުވެރިންނެވެ. އެއީ އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުގެ 11.4 އިންސައްތަ މީހުންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 246،127 މީހުން އައީ ރިސޯޓުތަކަށެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 68.2 އިންސައްތަ މީހުންނެވެ. ގެސްޓުހައުސްތަކަށް އައީ 96،749 ފަތުރުވެރިންނެވެ. އަދި ހޮޓާތަކަށް އައީ 10،132 ފަތުރުވެރިންނެވެ. ސަފާރީ އުޅަނދުފަހަރަށް 7،512 ފަތުރުވެރިން އައިސްފައިވެއެވެ.