ENGLISH

19 ފެބްރުއަރީ 2026

Advertisement

އުފާވެރި ހަބަރެއް! ފަހު ފަނަރާގައި އުމްރާވުމުގެ އިތުރު ފުރުސަތުތަކެއް

16 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

މައްކާގެ ގެފުޅު --ފޮޓޯ: ޕީއެސްއެމް

ރަމަޟާންމަހުގެ ފަހު ފަނަރާގައި އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް، އިތުރު ފުރުޞަތެއް ހުޅުވާލާފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ، އިތުރު ފުރުސަތެއް ހުޅުވާލީ، ރަމަޟާން މަހު އުމްރާއަށް ދިއުމަށް ގިނަ ފަރާތްތަކެއް އެދެމުންދާތީ ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފަހު 15 ދުވަސް ސްކޫލް ބަންދު ދުވަސްވަރަކާ ދިމާވާތީ، ގިނަ ބަަޔަކަށް އާއިލާއާއެކު އުމްރާވުމުގެ ފުރުސަތު އެ ދުވަސްވަރު ލިބޭނެއއެވެ.. ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރުކަމަށްވެފައި، އެމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ ފަރާތްތަކުން ޝައުގުވެރިވެ އެވެ.

މި ފުރުސަތު ދިނުމުގައި އިސްކަންދޭނީ، އެންމެ އަވަހަށް ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަށްކަމަށާއި، ލިސްޓް ތަރުތީބު ކުރާނީ ރަޖިސްޓްރީވެ ފައިސާ ދައްކަމުން އަންނަ ތަރުތީބުން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ ރަމަޟާންމަހަށް ހާއްސަކޮށްގެން އުމްރާގެ ދެ ޕެކޭޖެއް ތަޢާރަފްކޮށްފަ އެވެ. އެއީ މުޅި ރޯދަ މަހުގެ އުމްރާ ޕެކޭޖަކާއި، ފަހު ފަނަރައަށް ޚާއްސަ ޕެކޭޖެކެވެ. މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ވަނީ ކުރު އުމްރާ ޕެކޭޖެއްވެސް ތަޢާރަފްކޮށްފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނުން ކުރު އުމްރާގެ ފުރުސަތު ހުޅުވާލާފައިވަނީ 15 ދުވަހުގެ ޝެޑިއުލްޑް އުމްރާ އަށް ދިއުމަށް ދަތިވާ ފަރާތްތަކަށް، ކުރު މުއްދަތެއްގައި އުމްރާވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. މި އުމްރާ ދަތުރުތަކުގައި އެބޭފުޅަކު ބޭނުންވާ މިންވަރަށް އުމްރާ ދަތުރު ކުރު ކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިއަހަރު ރަމަޝާންމަހުގެ އުމްރާއަށްފަހު، ޖުލައި،ސެޕްޓެމްބަރ އަދި ޑިސެމްބަރު މަހަށްވެސް އުމްރާ ދަތުރުތައް ރާވާފައިވާ ކަމަށް ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. މި އުމްރާ ދަތުރުތަކަށްވެސް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފަ އެވެ.

އުމްރާވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް، އެ ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިއްހީ ހިދުމަތުގެ އަވަސްފަރުވާ ފޯރުކޮށްދިނުމާއި، ދަތުރުކުރާ އެއާލައިންގެ ފެންވަރު ރަނގަޅުކޮށްދިނުމާއި، މީގެ އިތުރުން ކުޑަކުދިން އުމްރާގައި ބައިވެރިވާނަމަ އެކުދިންނާގުޅޭ ގޮތަށް އުމްރާގެ ދަތުރުތައް ރޭވުން ހިމެނެ އެވެ.

އުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރާނީ ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައިވާ ފަހެލި ޕޯޓަލުން މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ކައުންޓަރުންވެސް ފައިސާ ބަލައިގަތުމުގެ ފުރުސަތު ވަނީ ހަމަޖެހިފަ އެވެ. ފައިސާ ދެއްކުމުގެ ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން އެމީހަކަށް ފައިސާ ދައްކަން ފަސޭހަ މިންވަރަކަށް ފައިސާ ދައްކަމުން ގޮސް، ސުންގަޑި ހަމަވާ އިރަށް ފައިސާ ދައްކާ ހަލާސްކުރުމުން ،އުމްރާއަށް ރަޖިސްޓްރީ ވެވޭނެކަމަށްވެސް ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު