ENGLISH

16 ފެބްރުއަރީ 2026

Advertisement

މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދަށްް ލުޔެއް؛ ތާރުއަޅައި މަގުފުޅާކޮށް ބާޒާރުމަތީ މަގު ހުޅުވައިފި

16 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބާޒާރު މަތީ މަގު ނިންމުން ފާހަގަކުރުމުގެ ތެރެއިން، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަަހީގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ މަގު ފުޅާކޮށް ތާރުއަޅައި ރޭ ހުޅުވައިފިއެވެ. 

ބޮޑުތަކުރުފާނު މަގުގައި ތަރައްގީނުކޮށް އޮެތް ބައި ތަރައްގީކުރުމުގެ މަސައްކަތް ފެށީ ފާއިތުވި އަހަރުގެ އޯގަސްޓު މަހުއެވެ. 445 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 144 މިލިއަން ރުފިޔާގެ އަގަކަށް މި މަސައްކަަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއާއެވެ. 

އެ މަޝްރޫއު ހިންގަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި ހުޅުވުމަށްފަހު ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިޔައީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ތަރައްގީކުރުމުގެ މަސައްކަތެވެ. ޑިސެންބަރު މަހު އެ މަސައްކަތް ނިންމާލާފައިވެއެވެ. 

ދެވަނަ މަރުހަލާގައި ކުރިއަށްގެންދިޔައީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ދެމެދުގައި ހިމެނޭ 250 މީޓަރުގެ ސަރަހައްދު ތަރައްގީކުރުމަށެވެ. އަދި ހުޅުމާލޭ ފެރީ ޓާމިނަލްއިން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ހިމެނޭ 830 މީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދިައެވެ. އެ މަސައްކަަތް ނިންމައި ރޭ ފަތިހުން ފެށިގެން އެ މަގުގެ ސަރަހަައްދުވަނީ ދަތުރުތަކަށް ހުޅުވައިލާފައެވެ. 

މީގެ ކުރިން އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި އޮތް އެ މަގު މިހާރުވަނީ ފުޅާކޮށް ދެކޮޅަށް ދުއްވާ މަގަކަށް ހަދާފައެވެ. އެ ބަދަލާއެކު އެ ސަރަހައްދުން ދަތުރުކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. މަގު ބޭނުންކުރުމުގައި އެހެން މީހުންނަށް ދަތިނުވާނެ ގޮތަށް މަގު ބޭނުންކުރުމަށް ސަރުކާރުން އެދިފައިވެއެވެ. 

މަގު ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ ގޮތުގައި ސަރުކާރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބޯޓުފަހަރަށް މުދާ އަރުވައި ބޭލުމުގައި ޑަބަލްކޮށް މަޑުނުކުރުމާއި، ބޯޓުފަހަރަށް އަރުވައި ބާލާ މުދާ މަގުމަތީގައި ނުބެހެއްޓުމާއި ޕެލެޓުތައް ނުބެހެއްޓުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ދުވެލީގެ މިންގަނޑުތަކާ ހިލާފުނުވުން ހިމެނެއެވެ. 

މި މަގު ފުޅާކޮށްފައިވަނީ ފަޅުތެރެ ހިއްކަިއގެން ހަ މީޓަރުގެ ސަރަހައްދެއް މަގަށް އިތުރުކޮށްގެންނެވެ. މަގުހުޅުވުމުގެ ގޮތުން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް އިއްޔެ ކުރިއަށްގެންދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު