ENGLISH
15 ފެބްރުއަރީ 2026
ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި މިހާރު ރޯދަ ހަދިޔާ ބަހާ ނިމިއްޖެ
15 ފެބްރުއަރީ 2026
|
މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ރޯދަ ހަދިޔާ ބެހުމުގެ ތެރެއިން. --ފޮޓޯ: ވުޒާރާ
އެންމެ މަޤްބޫލު
ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބަހާ ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އެންމެ 6 ރަށް ފިޔަވައި ހުރިހާ ރަށެއްގައި މިހާރު ވަނީ ރޯދަ ހަދިޔާ ބަހާ ނިމިފައި." ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރަށްރަށުގެ ރޯދަ ހަދިޔާ ބެހުމަށް ކުރެވުނު މަސައްކަތުން އެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް މި ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލާފައިވާއިރު، އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ހަވާލުނުވާ ފަރާތްތަކަށް ދެން މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ މާލޭ ގައި ހުންނަ މިފްކޯ މަރުކަޒުންނެވެ. އެ ތަނުން މަސްދަޅު ކޭސްތައް ދޫކުރާނީ މުލަ ރޯދަ ދުވަހާ ހަމަޔަށެވެ.
މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔައީ ވުޒާރާގެ އިސް ނެންގެވުމާއެކު ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ.
ކޮންމެ ރަމަޟާން މަހަކު ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.