ENGLISH

15 ފެބްރުއަރީ 2026

Advertisement

ޕިލަރ 7.2 ކޯ-ކްރިއޭޝަން ޑޭގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފި

15 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ކުރީން ބޭއްވި ބައްދަލްވުމެއް --

ސަރުކާރުގެ އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް ޚާއްޞަކޮށްގެން "ޕިލަރ 7.2 ކޯ-ކްރިއޭޝަން ޑޭ"ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތަކީ މައިންޑްކޯއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަސައްކަތުގެ ބައްދަލުވުމެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ތަންފީޛުކުރަމުންދާ ޑިގިޓަލް ޓަރާންސްފޯމޭޝަން އެޖެންޑާގެ "މޯލްޑިވްސް 2.0"ގެ މަގުޗާޓުގެ ހަތްވަނަ ތަނބުގެ ދަށުން، ދައުލަތުގެ އިދާރާތަކުގެ މެދުގައި ޑިޖިޓަލް އަދި އޭ.އައި ޤާބިލުކަން އިތުރުކުރުމަށް، މައިންޑްކޯ އަދި ގުޅިފައިވާ އެހެނިހެން އިދާރާތައް ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ފެބްރުއަރީ 2026ވާ ހޯމަ ދުވަހު، މީރުމާ ހޯލުގައެވެ.

މި ބައްދަލުވުމަކީ ސަރުކާރުގެ ޚިދުމަތްތަކުގައި ޑިޖިޓަލް އަދި އޭ.އައި ޓެކްނޮލޮޖީގެ ބޭނުން ކުރުމާއި ގުޅުންހުރި ހުނަރުތައް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާ ޤައުމީ އޮނިގަނޑު ފަރުމާކޮށް، މުރާޖަޢާކުރުމަށްޓަކައި ބާއްވާ މުހިންމު ސެޝަނެކެވެ.

"މޯލްޑިވްސް 2.0"ގެ ދަށުން ޑިޖިޓަލް ރޮގުން ކަނޑައަޅާފައިވާ ޤައުމީ އިސްތިރާތީޖީ އަމާޒަށް ވާސިލްވުމަށްޓަކައި މުއައްސަސާތަކުގެ ޑިޖިޓަލް ޤާބިލުކަން އިތުރުކުރާނެ ތަފްޞީލީ މަގުތައް އެންމެންގެ ބައިވެރިވުމާއެކު އެކުލަވާލައި ބައްޓަންކުރަން މި ބައްދަލުވުމުން މަގުފަހިވެގެން ދާނެއެވެ.

ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެނެވޭ އިންޤިލާބީ ބަދަލުތަކީ އެންމެންގެ ޝާމިލްވުން އޮތުމާއެކު އެކުލަވާލާ އަމަލުކުރާ އޮނިގަނޑަކަށްވުން މުހިންމެވެ. އެކަން ބައްޓަންކުރަންވާނީ މި ބަދަލުތައް ގެނައުމަށް އިސްކޮށް މަސައްކަތްކުރައްވާ ފަންނީ ފަރާތްތަކުގެ ބައިވެރިވުމާއި ލަފާގެ މަތިން ކަމަށް މައިންޑްކޯއިން މައުލޫމާތުދެއެވެ.

މައިންޑްކޯގެ އިސްނެގުމުގެ މަތިން ތަންފީޛުކުރާ ރޯޑްމެޕްގެ އަންނަނިވި ތަނބުތަކުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ވުޒާރާތަކުގެ ޑިޖިޓަލް އަދި އޭ.އައި ޤާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތްކުރުމުން، ވަކިވަކި އިދާރާތަކުން ކުރާ މަސައްކަތްތަކެއްގެ ބަދަލުގައި، މުޅި ޤައުމަށް ފައިދާހުރި، ދެމެހެއްޓެނިވި ޑިޖިޓަލް އަދި އޭ.އައި ޤާބިލުކަމުގެ އޮނިގަނޑެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް މައިންޑްކޯއިން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު