ENGLISH

15 ފެބްރުއަރީ 2026

Advertisement

އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކުރުމުން ހަލާކުވަނީ ގައުމުގެ ކުޅިވަރުގެ މުސްތަގުބަލު: ތޮލާލް

15 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، ފޮޓޯ: ޖަވިޔަނި

ކުޅިވަރުގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނުންނަށް ގަނާކޮށް ފުރައްސާރަކުރުމުގެ ސަބަބުން ހަލާކުވަނީ ގައުމުގެ ކުޅިވަރުގެ މުސްތަގުބަލުކަމަށް ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލު ވިދާޅުވެއްޖެއެވެ. 

ތޮލާލު މިފަދައިން ވިދާޅުވީ މިރޭ އޮންނަ "ސްޕޯޓްސް އެވޯޑްސް 2025" އަށް ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން ނޮމިނޭޓުކުރި ކުޅުންތެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނުމާ ގުޅިގެން އެކި ފަރާތްތަކުން ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ފަތުރަމުންދާތީ އެކަމަށް އިޝާރާތްކުރައްވައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. 

"ސްޕޯޓްސް އެވޯޑްސް 2025"އަކީ 2024 ވަނަ އަހަރު ކުޅުންތެރިންނާއި އޮފިޝަލުން ހޯދި ކާމިޔާބުތައް ފާހަގަކުރުމަަށް ދޭ އެވޯޑަކަށްވާއިރު، އުމައިރުވަނީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޓީޓީ މުބާރާތްތަކުން ރަންވަނަތައް ހާސިލުކުރުމުގެ އިތުރަށް އެ އަހަރު ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް މެޑަލް ހާސިލުކޮށްފައެވެ. 

ޓީޓީ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުން އެ އެސޯސިއޭޝަނުން ކުޅިވަރު އެވޯޑަށް ކުޅުންތެރިން ނޮމިނޭޓުކުރީ އެ ކުޅުންތެރިން ހޯދާފައިވާ ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށެވެ. 

ސްޕޯޓްސް ކޮމިޝަނަރގެ ޕޯސްޓުގައި އޭނާ ވިދާޅުވި ގޮތުގައި ކުޅިވަރުގައި ވާނުވާ ނޭނގި ނަމަވެސް ކަންކަމުގެ ހަގީގަތް އޮޅުވައިލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް ފުރައްސާރަކުރުމުން ހަލާކުވަނީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލު ކަމަށެވެ. 

އަދި ވަކި މީހެއްގެ ދަރިއަކަަށްވީ ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވާތީ އެ ކުޅުންތެރިއެއްގެ ހައްގުން މަހުރޫމުވާންނުޖެހޭނެކަން ފާހަގަކުރައްވަމުން އެ ކުދިންނަށް ލިބޭ ކާމިޔާބަކީ އެ ކުދިންގެ ބުރަ މަސައްކަތާއި ހިތްވަރުން ހޯދާ ކާމިޔާބެއްކަން ތޮލާލު ފާހަގަކުރެއްވިއެވެ. އަދި އެއީ އެ ކުއްޖަކަށް ލިބޭ ކާމިޔާބަކަށްވުމުގެ އިތުރަށް އެއީ ގައުމަށްވެސް ލިބޭ ކާމިޔާބެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

އިތުރަށް ތޮލާލު ވިދާޅުވީ ކުޅުންތެރިން ހޯދާ ކާމިޔާބުތައް ފާހަގަކޮށް ހިތްވަރުދިނުމާއި، ކުރިއަށް ދިއުމުގައި މަގުދެއްކުމަކީ ކުޅިވަރުގެ މުސްތަގުބަލު އުޖާލާކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ މުސްތަގުބަލުގައި ލިބޭނީ ގައުމަށްކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު