ENGLISH
15 ފެބްރުއަރީ 2026
އަލިފާން ރޯވި ދޯނީގެ ބައިތަކާއި ތަކެތި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފްއިން އަންގައިފި
15 ފެބްރުއަރީ 2026
|
އަލިފާން ރޯވެފައިވާ ދޯނި. ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
އިއްޔެ ކަނޑުމަތީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ރޯވި ދޯނިގެ ތަކެތި އޮޔާދާތީ އެކަމަށް ކަނޑުދަތުރު ކުރާ އުޅަނދުތަކުން ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްެއެންޑީއެފް) އިން އަންގައިފިއެވެ.
15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ މި ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަަ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެ ގިނަ އިރު ތަކެއް ނުވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެގެން އަޑިއަށް ދިޔުމުގެ ސަބަބުން އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދިޔަ ކަމަށެވެ.
އެ ތަކެތި އޮޔާ ދަނީ ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން ކަމަށާއި ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށެވެ.
"ވީމާ، ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ހާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ދަންނަވަމެވެ. " - އެމްއެންޑީއެފް
މި ހާދިސާގައި މުޅި ދޯނި އަނދައިގެން ދިޔައިރު، ފުލުހުން މައުލޫމާތު ދިން ގޮތުގައި 5 މީހަކު ވަނީ ފިހިފައެވެ. އޭގެ ތެރޭގައި ދެ ދިވެއްސަކާއި ތިން ބިދޭސީއަކު ހިމެނެއެވެ. އަދި އެ މީހުން މާލެ ގެނެސް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދީފަވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ދޯނީގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 14:54 ގައި ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައިވާކަމަށް ބުނެފައިވާ އިރު އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.