ENGLISH
07 ފެބްރުއަރީ 2026
2024 ވަނަ އަހަރުގެ ބަޖެޓަކީ ރައީސް މުއިއްޒުގެ ބަޖެޓެއް ނޫން: ޝިޔާމް
07 ފެބްރުއަރީ 2026
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ވެރިކަމުގައި އޮތީ ކޮންގްރެސް ޕާޓީ ނަމަވެސް 2024 ވަނަ އަހަރު ހުށަހެޅުނު ބަޖެޓަކީ އެ ޕާޓީގެ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބަޖެޓެއް ނޫންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރުވަނީ ސަރުކާރު ހަވާލުވީއިރު މާލީ ގޮތުން ރާއްޖެ އޮތް ހާލަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން އައު ސަރުކާރު ވެރިކަމާ ހަވާލުވީއިރު ބަޖެޓުގައި ހުރީ އެންމެ ތިން މަސް ދުވަހަށް ރައްޔިތުންނަށް ކާޑު ގަނެވޭނެ މިންވަރުކަމަށް ވިދާޅުވިއެވެ. މި ހާލަތުގައި ބަޖެޓު އޮތް އިރުވެސް މަޝްރޫއުތައް ގާތް މީހުންނަށް ބަހާލައި، އެ ކަންކަން ކުރިއަށް ނުދިޔަ ނަމަވެސް ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރަމުން ދިޔަކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
ސްޕަ މެޖޯރިޓީގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ކޮންމެ އަހަރަކު ބޮޑެތި އަދަދުތަކުން ބަޖެޓުތައް ފާސް ކުރަމުން ދިޔަ ނަމަވެސް އަހަރު ނިމިގެންދާނީ އެއްކަމެއް ވެސް ނުކުރެވި ބޮޑު އަދަދަކުން ބަޖެޓު ޑެފިސިޓުވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު އައު ސަރުކާރު ވެރިކަމަށް އައި އިރު ހާލަތު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫން ބޭފުޅަކު އިންތިހާބުވީނަމަ އައިއެމްއެފްގެ ޕްރޮގްރާމުގެ ތެރެއަށް ރާއްޖެ ވަނީސްކަމަށެވެ.
މާލީ ހާލަތު ރަނގަޅުކުރުމަށް އެޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއަކީ މިވަގުތު ގައުމުގެ ރަސްމީ ގްރޮސް ރިޒާވްގެ މިންވަރު 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވުންކަމަށާއި، ދިވެހިރާއްޖޭގެ ތާރީހުގައިވެސް މިއީ މި އަދަދު އެންމެ މައްޗަށް ދިޔަ ފަހަރުކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގިތުގައި 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ ކޮންޓުރޯލް އޮތުމާއެކު ސަރުކާރުން ކުރަން ނިންމާފައިހުރި ކަންކަމަށް ފާޅުގައި ދިޔައީ ހުރަސް އަޅަމުންނެވެ.
"އެ އަހަރުގެ ބަޖެޓުގެ ތެރެއިން ހަރަދު ކުޑަކުރުމާއި ރައްޔިތުންނަށް އެ ހިނދަށް މުހިންމު ކަންކަން ކުރައްވަން ވިސްނަވާތީވެ ވަކި ކޮމިޓީއެއް އުފައްދަވާ އޭރުގެ މާލީ ވަޒީރާއެކު މަޝްވަރާ މޭޒަށް ފޮނުއްވި. އެކަމަކު ރައީސް ބޭނުންވި އެއްވެސް ކަމެއް އެ ބަޖެޓުގެ ތެރެއިން އެމްޑީޕީން ހިމަނާ ދީފައެއް ނުވޭ. ދަންނަވަން މި އުޅެނީ 2024 ވަނަ އަހަރުގެ ބަޖެޓަކީ ރައީސް މުއިއްޒުގެ ބަޖެޓެއް ނޫނޭ. މި ބަޖެޓުގެ ސަބަބުން 2024 ވަނަ އަހަރު ވެރިކަން ހިންގަންޖެހުނީ ވަރަށް އުނދަގޫ ހާލަތުގައި." - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
2025 ވަނަ އަހަރަކީ ރައީސްގެ ފުރަތަމަ ބަޖެޓުކަމަށާއި އެ ބަޖެޓަކީ ކާމިޔާބު ބަޖެޓެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީއެންސީ އޮތީ ރައީސްގެ ތަރައްގީ ހަގީގަތަކަށް ހަދައިދިނުމަށް "ފޫގަޅައިގެން" ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައްޔިތުން އެދޭ ތަރައްގީގައި ހަގީގީ ކުލަ ޖައްސާދިނުމަށް ސަރުކާރުގެ އަތުގައި ހިފައިގެން ކުރިއަށްދާނޭ ކައުންސިލެއް އެ ސިޓީއަށް ހޮވައިދިނުމަށް ވަޒީރު ގޮވާލެއްވިއެވެ.