ENGLISH

07 ފެބްރުއަރީ 2026

Advertisement

އިތުރު ދައުރަކަށް އަންހެނުންގެ ކޮމިޓީގެ ރައީސާކަމަށް ހޮވިއްޖެނަމަ ކުޅުދުއްފުށީ ތަރައްގީ އައު ހަރުފަތަކަށް ގެންދާނަން: ހަދީޖާ

07 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ކޮންގުރެސް ޕާޓީން ކުޅުދުއްފުށީ ޑަބްލިއުޑީސީގެ ރައީސްކަމަށް ވާދަކުރައްވާ ހަދީޖާ މޫސާ، ފޮޓޯ: ޕީއެންސީ

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އިތުރު ދައުރަކަށް އެ ސިޓީ ރައްޔިތުން އިންތިހާބުކޮށްދެއްވައިފިނަމަ ސިޓީގެ ތަރައްގީ އައު ހަރުފަތަކަށް ވާސިލުކޮށްްދެއްވާނެ ކަމުގައި ކޮންގުރެސް ޕާޓީގެ ފަރާތުން އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ ހަދީޖާ މޫސާ ވިދާޅުވެއްޖެއެވެ. 

ކުޅުދުއްފުށީ ސިޓީގައި ކޮންގުރެސް ޕާޓީގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަދީޖާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އޭނާ ކުރިމަތިލެއްވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ސިޓީގައި އުފެދުނު ފުރަތަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުގައި ޖުމްލަކޮށް އެ ސިޓީގެ ތަރައްގީއަށް އަދި ހާއްސަކޮށް އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވިފައިވާކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. 

އޭނާގެ އަމާޒަކީ ކުޅުދުއްފުޓަކީ ހޭލުންތެރި ތައުލީމީ ހުލްގު ހެޔޮ އިގުތިސާދީ ގޮތުން ފުދުންތެރި ތަނަވަސް ރައްޔިތެއް ދިރިއުޅޭ ސިޓީއަކަށް އެ ސިޓީ ހެއްދެވުންކަަން ފާހަގަކުރައްވަމުން ހަދީޖާ ވިދާޅުވީ މި އަމާޒު ހާސިލުކުރުމަށް ކޮންގުރެސް ޕާޓީގެ އަޣުލަބިއްޔަތު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކައުންސިލުގެ ބަޖެޓުން ލިބުނު ފަސް އިންސައްތައިގެ ބޭނުން ހިފައިގެން ގިނަ މަސައްކަތްތަކެއް ކޮށްފަައިވާނެ ކަމަށެވެ. 

"ހާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ސިޓީގެ ކައުންސިލަކުން ކުރާ ލެވެލްގެ ކަންކަން އަޅުގަނޑުމެންނަށް އެލިބޭ އިންސައްތައިގެ ބަޖެޓުގެ ތެރެއިން އަޅުގަނޑު އިސްވެހުރެ އަޅުގަނޑުގެ ޓީމާއެކުވާނީ ކޮށްފައި،" ހަދީޖާ ވިދާޅުވިއެވެ. 

މައިޒާނުތަކާއި ޕާކުތައް ތަރަައްގީކުރުމާއި، ކުޅިވަރު ވަސީލަތްތަައް ގާއިމުކުރުމާއި، ތަފާތު އެކި ހުނަރުތައް ދަސްކޮށްދީ މަސަައްކަތްތެރިކަމުގެ ތެރެއަށް މީހުން ނެރުމަށް ބޭނުންވާ ތަމްރީނު ޕްރޮގުރާމުތައް ހިންގުމަށް ގިނަ މަސައްކަތްތަކެއް އޭނާގެ ރައީސްކަމުގައި ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކޮށްފައިވާނެ ކަމުގައި ވިދާޅުވިއެވެ. 

އެގޮތުން އެ ސިޓީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕާކާއި، އެއާޕޯޓު ކައިރީގައި އެ ކޮމިޓީން ތަރައްގީކުރި ހަޓުތަކާއި ނެޓްބޯޅަ ކޯޓު އަޅައި ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން ހިތްފަސޭހަކޮށްލަން މަޑުކުރެވޭ ގޮތަށް ޖޯލިފަތިތައް ބެހެއްޓުމުގެ މަސައްކަތް ކުރެވިފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. 

އައު ދައުރަކަށް ޑަބްލިއުޑީސީގެ ރައީސްކަމަށް އޭނާ ހޮއްވަވައިފިނަމަ ސިޓީގެ އަންހެނުންގެ ކުރިއެރުމަށް އިސްކަންދީގެ މުޅި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، ތައުލީމީ ފުރުސަަތުތައް އިތުރުކޮށް، ސްކޫލުތަކަށް އިތުރު ސަމާލުކަމެއް ދީގެން ކުރިއަށް އޮތް ދައުރުގައި އެފަދަ އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ހަދީޖާ ދެއްވިއެވެ. 

ރަށުގެ އެއާޕޯޓު ސަރަހައްދުގައި ތަރައްގީކުރި ބީޗް ހަޓުތަކަށް މުޅި ރާއްޖޭގެ ސަމާލުކަން ލިބުނުކަން ފާހަގަކުރައްވަމުން ހަދީޖާ ވިދާޅުވީ އަދިވެސް އެފަދަ މަސައްކަތްތައް ކުރިއަށްގެންދެވުމުގެ ހިތްވަރާއި ޖޯޝު އޭނާގެ ކިބައިގަ އެބަހުރި ކަމަށެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާއިތުވި ދައުރުގައި އެކި ޒާތްޒާތުގެ ކޯސްތައް ހިންގާފައިވާކަން ފާހަގަކުރައްވަމުން ހަދީޖާ ވިދާޅުވީ އެ މަސައްކަތްޕުޅުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ރަށުގައި އެކޯސްތައް ހިންގަން އެކަށީގެންވާ ޖާގައެއް ނެތުން ކަމަށެވެ. އައު ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ އެފަދަ ކޯސްތައް ހިންގޭނެ މިންވަރުގެ ޒަމާނީ ކޮމްޕްލެކްސްއެއް ގާއިމުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު