ENGLISH

07 ފެބްރުއަރީ 2026

Advertisement

ދިވެހި ފުޓްބޯޅަ އަށް ހަތަރު ދަރިން ނެރެދެއްވި ހަސަން އަލީ ނިޔާވެއްޖެ

07 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ހަސަން އަލީ، ސުޒޭންއާއި ނަޒީހާއެކު. ފޮޓޯ؛ މިހާރު

ދިވެހި ފުޓްބޯޅަ އަށް ހަތަރު ދަރިން ނެރެދެއްވި ކްލަބް އީގަލްސްގެ އެންމެ ފުރަތަމަ މަސްއޫލުވެރިޔާ ހަސަން އަލީ ނިޔާވެއްޖެއެވެ.

އެނގިފައިވާގޮތުން ހަސަން އަލީ ނިޔާވީ ލޭގެ ޕްރެޝަރު ދަށްވެގެން، މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 78 އަހަރުފުޅެވެ. ހަސަން އަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރުނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ.

ހަސަން އަލީގެ ދަރިންގެ ތެރެއިން އަލީ ސުޒޭން، މުހައްމަދު ނަޒީހު، އިބްރާހީމް ސިނާޒް (ސިނާ) އަދި އަހުމަދު ރިޔާޒް (ގާނާ) އަކީ ދިވެހި ފުޓްބޯޅައިގައި ވަރުގަދަ ނަންތަކެކެވެ. 

ހަސަން އަލީ އަކީ ކްލަބް އީގަލްސްގެ މަސްއޫލުވެރިއާއެވެ. އޭނާ ވަނީ މާފަންނުގައި އީގަލްސްގެ ހަރަކާތްތައް ފަށައިގަތުމުގައި އިސްކޮށް އުޅުއްވާފައެވެ. އަދި ހަސަން އަލީ ވަނީ 1980ގެ ފަހުކޮޅު އީގަލްސް ރެޖިސްޓްރީކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. އެކަމަކު އަބަދުވެސް ހިތްއޮތީ ގޭދޮށު ކްލަބް ވިކްޓަރީގަ އެވެ. ފުޓްބޯޅައިގެ ހަރަކާތްތެރިވާ ހަތަރު ކުދިން ވެސް އެންމެ ގިނައިން ހިދުމަތްކުރީ ވިކްޓަރީއަށެވެ. 

ހަސަން އަލީގެ ދަރިންގެ ތެރެއިން އަލީ ސުޒެއިން އަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. ކުރިން ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދިން ސުޒެއިން އަކީ މިހާރު ނިއުރޭޑިއަންޓުގެ ކޯޗެވެ.

ނަޒީހަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރުންގެ ތެރެއިން އެކެކެވެ. 

ސިނާ އަކީ ވިކްޓްރީގެ އިތުރުން ނިއުރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އަށް ކުޅެދީފައިވާ ހުނަރުވެރި ޑިފެންޑަރެކެވެ. އަދި ގާނާ ވަނީ ވިކްޓްރީގެ ކީޕަރުން ޓްރެއިން ކުރުމުގައި 30 އަހަރު މަސައްކަތްކޮށްދީފައެވެ. 

2016 ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ވިކްޓަރީ ކުޅުނު މެޗުގައި ސުޒޭންގެ ކޯޗުކަމުގައި މާޒިޔާ އިން 2-1 އިން ނަޒީހުގެ އިރުޝާދުގެ ދަށުން ނިކުތް ވިކްޓަރީ ބަލިކުރި. މެޗުގެ ޝަރަފްވެރި މެހެމާނަކީ އެ ދެ ބެއިންގެ ބައްޕަ، ހަސަން އަލީ އެވެ. 

މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއްބަނޑު އެއްބަފާ ދެބެން ހަވާލުވެ ހުރި ދެ ޓީމުން ފުޓުބޯޅައިގެ ކުރިމަތިލުމަކަށް ނިކުތް ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު