ENGLISH
06 ފެބްރުއަރީ 2026
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އަލުން ގެޒެޓުކޮށްފި
06 ފެބްރުއަރީ 2026
|
ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ. ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ރަސްމީ ލިސްޓު، ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަށް މުރާޖައާކުރުމަށްފަހު، އަލުން ގެޒެޓުކޮށްފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފާގެ މަތިން، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މުރާޖައާކޮށް، އާންމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކަމެކެވެ.
ގެޒެޓްކޮށްފައިވާ އިއުލާނުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތް ކަނޑައަޅާފައިވެއެވެ.
މި ލިސްޓުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށްވާ އަލްޤައިދާ އާއި އެޖަމާއަތުގެ ގޮފިތަކާއި، އިސްލާމިކް ސްޓޭޓް (އައި.އެސް) އާއި އެ ޖަމާއަތުގެ ގޮފިތަކާއި، ބޯކޯ ހަރާމް، އަލްޝަބާބް، އަބޫ ސައްޔާފް ގްރޫޕް، ލަޝްކަރޭ ތައިބާ، ތަހްރީކޭ ތާލިބާން ޕާކިސްތާން، ޖައިޝޭ މުޙައްމަދު ފަދަ ޖަމާއަތްތައް ހިމެނާފައިވެއެވެ.
މިއަދު ގެޒެޓުކުރި ލިސްޓުގައި އެ ޖަމާއަތްތައް އެންމެ ފުރަތަމަ ލިސްޓުގައި ހިމެނުނު ތާރީހާއި، އޭގެ ފަހުން އެކި އަހަރުތަކުގައި އަލުން ލިސްޓުކުރެވުނު ތާރީހުތައް ވެސް ހިމަނާފައިވެއެވެ.
މިފަހަރުގެލިސްޓުގައި އެއްވެސް ޖަމާއަތެއް އަލަށް އިތުރުކޮށް ނުވަތަ އުނިކޮށްފައެއް ނުވެއެވެ.
ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ.
ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާ ތަންތަނުގެ ލިސްޓަކީ ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރުން ގާނޫނު ލާޒިމުކުރާ ލިސްޓެކެވެ.