ENGLISH

08 ފެބްރުއަރީ 2026

Advertisement

މިފްކޯ ދައުލަތަށް ބަރޯސާވި މިންވަރު ވަރަށް ބޮޑު، އެކަން ބަދަލުކުރީ މި ސަރުކާރުން: ޝިޔާމް

06 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވަޒީރު ޝިޔާމް އެމްއެމްތީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ އެމްއެމްޓީވީ

ސަރުކާރު ވެރިކަމަށް އައި އިރު ސަރުކާރުގެ މަސްކުންފުނި މިފްކޯ ދައުލަތަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑު ކަމަށާއި އެކަން ބަދަލުކުރީ މި ސަރުކާރުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މުހިންމު ކަންކަމާ ގުޅިގެން "އެމްއެމްޓީވީ"އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ގަވާއިދުން ފައިސާ ދައްކަމުން އަންނަ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ. 

ރައީސް 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު އޮތް ބެކްލޮގާ އެކީ މިއަދާ ހަމައަށް މަސްވެރިންނަށް ދެ ބިލިއަން ރުފިޔާ ދޫކުރެވިފައި ވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ގަވާއިދުން ފައިސާ ނުދޭކަމަށް ވާނަމަ މަސްވެރިން އެ ދާއިރާގައި ހަރަކާތްތެރިވުމުގެ ޝައުގެއް ނުހުންނާނެކަމަށާއި،  ސަރުކާރު ވެރިކަމަށް އައިއިރު އޮތީ މިފަދަ ހާލަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް، ގަވާއިދުން ފައިސާ ދެއްވަން ފެއްޓެވުމާއެކު ގިނަ ކުރިން މި ސިނާއަތް ދޫކޮށްލި މީހުންވެސް އަލުން މިދާއިރާއަށް ނިކުމެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. 

މަސްވެރިކަމުގެ ދާއިރާ އިން މި ދެ އަހަރު ހޯދުނު ކާމީޔާބީގެ ސިއްރަކީ މަސްެވެރިންނަށް ހޯދައިދެވުނު ފަހި ގޮތްތަކާއި، މިފްކޯގެ ވަސީލަތްތައް ކުރިއެރުވުމަށް ގެންގުޅުނު ހަރުދަނާ ސިޔާސަތުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އައިި އިރު މިފްކޯ ދައުލަތަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑު. އެހެންނަމަވެސް ރައީސްގެ އަމާޒަކަށްވީ މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން، މަސްވެރިން އަތުން މަސް ގަނެގެން، މަސް އެކްސްޕޯޓުކޮށްގެން، މިފްކޯގެ ދަރަނިތައް ފުއްދާ ބައެއްގެ ގޮތުގައި މިފްކޯ ވާންޖެހޭކަމަށް އެމަނިކުފާނު ގަބޫލުފުޅު ވެސް ކުރެއްވީ އަދި ކަންކުރެއްވީ ވެސް އެގޮަށް. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިފްކޯ ހެދިފައި މިއޮތީ ދައުލަތަށް މާ ބޮޑު ބަރޯސާ ވުމެއް ނެތި  ބަރާބަރަށް އޮޕަރޭޓް ކުރެވޭ ކުންފުންޏެއްގެ ގޮތުގައި." - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް

ވަޒީރު މިފަދައިން ވިދާޅުވީއިރު މިފްކޯގެ 2024 ވަނަ އަހަރުގެ ރިޕޯޓުތަކުން ދައްކާގޮތުގައި އެ އަހަރު ކުންފުނީގެ އާމްދަނީ 2.009 ބިލިއަން ރުފިޔާއިން 1.076 ބިލިއަން ރުފިޔާއަށް ވަނީ ދަށަށް ގޮސްފައެވެ.

2024 އަދި 2025 ވަނަ އަހަރަކީވެސް މިފްކޯއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އަހަރުތަކަށް ވީނަމަވެސް މިހާރުގެ މެނޭޖްމަންޓުން ދަނީ ކުންފުނީގެ އާމްދަނީ ހަރުދަނާކޮށް، އާންމު ބާޒާރުގެ ހާލަތުގައި ވެސް ކުންފުނީގެ ވިޔަފާރީގެ އޮނިގަނޑު ދެމެހެއްޓެނިވި ގޮތަށް ސާބިތުކޮށްދިނުމަށް މަސައްކަތް ކުރަމުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މިފްކޯ ގެއްލުުމުގައި ހިނގަމުން އައި އައުން ބަދަލުކޮށް ދައުލަތަށް ފައިދާ ކުންފުންޏަކަށް އެ ކުންފުނި ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު