ENGLISH

06 ފެބްރުއަރީ 2026

Advertisement

އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް އޭޕްރީލް މަހު ފަށަނީ

06 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

އެންމެ ފަހުގެ ސާފް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ސާފް

ބައިނަލްއަގުވާމީ މެޗުތައް ބޭއްވޭ ފެންވަރުގެ އެންމެ ފަހުގެ ޒަމާނީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޓަރނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ފުޓްސަލް ސްޓޭޑިއަމެއް ހިމެނޭހެން އިތުރު 4 އިންޑޯ ޓްރެއިނިންގ ޕިޗާއެކު ސްޓޭޓް އޮފް ދި އާރޓް މަލްޓި ސްޓޯރީ ފުޓްސެލް ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. 

ފުޓްސަލް އަކީ ރާއްޖޭގައި މިވަގުތު އެންމެ މަގުބޫލު ކުޅިވަރަށް ވުމާއެކު އިންޑޯ ފުޓްސަލް ސްޓޭޑިއަމެއް އޮތުމުގެ މުހިއްމުކަން އެތުލީޓުންގެ އިތުރުން ކޯޗުން ވެސް ވަނީ ފާހަގަކޮށްފައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ބޭއްވީ ފުރަތަމަ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ހޯދާފައިވާއިރު، މިފަދަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާއިރު ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް އިންޑޯ ޓްރެއިނިންގ ޕިޗެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސާފް މުބާރާތުގައި ވާދަކުރުމުގެ ކުރީން، ގައުމީ ފުޓްސަލް ޓީމުން ވަނީ ޗައިނާގައި ކޭމްޕްކޮށް، އިންޑޯ ފުޓްސަލް ޕިޗުތަކުގައި ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައެވެ.

އެހެންކަމުން، ރާއްޖޭގައި ގާއިމުކުރާ މިފަދަ ފުޓްސަލް ކޮމްޕްލެކްސްތަކުގެ ސަބަބުން ގައުމީ ފުޓްސަލް ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ފަސޭހަވެ، ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ކާމިޔާބީތައް ހޯދުމަށް މަގުކޮށައިދެވުމުގެ އިތުރުން ސަރަހައްދީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު