ENGLISH
06 ފެބްރުއަރީ 2026
ރޭސިން އެރީނާގެ ބިން ހިއްކުމުގެ މަސައްކަތް މާޗް މަހު ފަށަނީ
06 ފެބްރުއަރީ 2026
|
ހުޅުމާލޭގައި ބޭއްވި ސައިކަލް ރޭސިންގ މުބާރާތެއްގެ ތެރެއިން. --ފޮޓޯ: ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
އެންމެ މަޤްބޫލު
ރޭސިން އާއި ޑްރިފްޓިން އަށް ހާއްސަ އެރީނާއެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފެށިގެން ކުރިޔަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
"ރޭސިންގ އާއި ޑްރިފްޓިންގ އަށް ޚާއްޞަ އެރީނާ ޤާއިމްކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފެށިގެން ކުރިޔަށްދާނެ." - ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސަރަހައްދުގައި ރޭސިން ޓްރެކު ހެދުމަށް ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ޓްރެކު ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގައި ހުންނަ ސޯލަރ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން ކަމަށެވެ. އެގޮތަށް، ރޭސިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ، މީހުން އުޅޭ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ނުބެލެވޭތީވެ ކަމަށް ރައީސް ފާހަގަކުރެއްވެވިއެވެ.
މީގެއިތުރުން، ރޭސިން ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދަކަށްވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ރޭސިން ޓްރެކުގެ މަސައްކަތްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފައެވެ. މި ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ އެމްއޭސީއެލް އިން އިންވެސްޓްކުރާ ގޮތަށެވެ.