ENGLISH
06 ފެބްރުއަރީ 2026
އެމްޑީޕީގެ ވެރިކަމުގައި ދިއްދޫ އިސްލާމީ މަރުކަޒު އަޅަން ލޯ ލާރިއެއް ވެސް ދީފައެއް ނުވޭ: ލަތީފް
06 ފެބްރުއަރީ 2026
|
ދިއްދޫ އިސްލާމީ މަރުކަޒު. ފޮޓޯ؛އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
އެމްޑީޕީގެ ވެރިކަމުގައި ހއ.ދިއްދޫގައި ގާއިމުކުރުމަށް ނިންމި އިސްލާމީ މަރުކަޒު އަޅަން ލޯ ލާރިއެއް ވެސް ހަމަޖައްސާދީފައި ނުވާކަމަށް އެ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު އިސްލާމީ ދާއިރާއިން 90 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދިޔަކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަށް މިސްކިތް ހުޅުވޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި އެކު އިތުރު ދިހަ ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމާ ހުޅުވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ވާހަކަފުޅާއެކު، ދިއްދޫގައި އިމާރާތް ކުރި އިސްލާމިކް ސެންޓަރަކީ އެމްޑީޕީގެ ސަރުކާރުން ބިނާކޮށް ނިންމި މަޝްރޫއެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީއިން ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުގެ އަސްލު ހާމަކޮށްދެއްވައި އެ ދާއިރާގެ މެމްބަރު ލަތީފް ވަނީ މަޝްރޫއުގެ ތާރީޚީ ތަފުސީލުތަށް އެމްއެމްޓީވީއާ ހިއްސާކުރައްވާފައެވެ.
ދިއްދީ އިސްލާމީ މަރުކަޒު މަޝްރޫއުގެ ތަފްސީލުތައް:
31 އޯގަސްޓް 2023: މި މަޝްރޫއުގެ ބިންގާ އެޅީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށެވެ. ނަމަވެސް، އެ އަހަރުގެ ބަޖެޓުގައި މި ބިޔަ މަޝްރޫއަށް ހިމަނާފައިވަނީ އެންމެ 210,000 (ދެލައްކަ ދިހަހާސް) ރުފިޔާއެވެ.
17 ނޮވެންބަރު 2023: ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރު ނިމިގެންދިޔައިރުވެސް، މި މަޝްރޫއަށް ބޭނުންވާ އެކަށީގެންވާ ފައިސާއެއް ބަޖެޓު ކުރެވިފައެއް ނުވެއެވެ.
2024 ވަނަ އަހަރު: އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން 2024 ވަނަ އަހަރަށް މި މަޝްރޫއަށް ފާސްކޮށްދިނީ އެންމެ 420,000 (ހަތަރުލައްކަ ވިހިހާސް) ރުފިޔާއެވެ.
މެމްބަރު ވަނީ އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ހަރަދުވާއިރު، މިފަދަ ކުޑަ ބަޖެޓެއް ހަމަޖައްސައިދިނުމަށްފަހު މިއީ އެމްޑީޕީ ސަރުކާރުން ނިންމާފައިވާ މަސައްކަތެކޭ ބުނާނީ ލިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.
"ދިއްދޫ އިސްލާމީ މަރުކަޒަށް ދޭންޖެހޭ އެއްވެސް ފައިސާއެއް އެމްޑީޕީ ސަރުކާރުން ދީފައެއް ނުވެއެވެ. ލޯލާރިއެއްވެސް ދީފައެއް ނުވެއެވެ." - ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު
މެމްބަރު ވަނީ ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވީ އަދުގެ ރައީސް ޑރ. މުޢިއްޒުކަމަށް ވިދާޅުވެ އެ ހަގީގަތް ގަބޫލުކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެެވެ.
ރައީސް މުއިއްޒު މި މަޝްރޫއަށް ހާއްސަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ މަސައްކަތުގެ ކޮންޓްރެކްޓަރަށް ދޭންޖެހޭ އެންމެހާ ފައިސާއެއް ދައްކާ ހަލާސްކޮށް، އިސްލާމީ މަރުކަޒަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަކޮށްދީ، ހުރިހާ މަސައްކަތްތަކެއް ނިންމާފައިވަނީ މި ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.
ދިއްދޫ އިސްލާމީ މަރުކަޒަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޖުމްލަ 50 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
1،500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައާއެކު ބިނާކޮށްފައިވާ މި މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމާއި އޮފީސް ޖާގައެއް ވެސް ހިމެނެ އެވެ.