ENGLISH

06 ފެބްރުއަރީ 2026

Advertisement

ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް، ސަވާބު ލިބިލިބި ހުންނާނެ އަމަލެއް: ހުކުރު ޚުޠުބާ

06 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް ކަމަށާއި، އެއީ އިންސާނާ މަރުވުމަށްފަހުގައި ވެސް، އެ ސަދަގާތެއްގެ ހެޔޮ އަސަރު ދެމިހުރިހަ ހިނދަކު، ސަދަގާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނެ އަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ލޭ ހަދިޔާކުރުމަކީ ސަދަގާތެއް!" މި މައުޞޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، ހެޔޮ އަމަލުކުރުމުގެ މަގުތައް ތަނަވަސްވެގެންވާ ކަމަށާއި، މާތް ﷲގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ސަދަގާތްކުރުމަކީ ދަރުމަހުރި ކަންކަމަށެވެ.

އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ސަދަގާތެއް ކަމަށާއި، ބައެއް ހެޔޮ އަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންވާ ކަމަށް ޚުޠުބާގައި ބުންޏެވެ. އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ސަދަގާތެއް ކަމަށާއި، ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަސީބު ލިބޭ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، އާހިރަތްދުވަހުން އުފުލާންޖެހޭ ބޮޑެތި މުސީބާތްތަކުން ދިންނަވާނޭ ކަމެއް ކަމުގައިވެސް ޚުޠުބާގައި ބުންޏެވެ.

ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނާންވީ އާހިރަތް ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނޭ އަމަލެއް ކުރެވޭތޯ ކަމަށާއި، އެ ކަން ކުރެވޭން އޮތީ މިއަދު ހެޔޮ އަމަލުތައް އިތުރުކޮށްގެން ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"ލޭ އަޅާން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެކެވެ. ހަމަ އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، ކިހައި ވަރެއްގެ އަޖުރަކާއި ސަވާބެއް ހުރި ކަމެއްކަން ތިޔަބައިމީހުން ދަންނަމުހެއްޔެވެ؟ ޙައްޤަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމެކެވެ. ހަމަ އެ ފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެކެވެ." ޚުޠުބާގައި ބުންޏެވެ.

މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައި ކަމަށާއި، ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަ ސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނައިލުމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

"އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުމެވެ. ވީމާ ދަރުމަހުރި، އިންސާނިއްޔަ މި ޢަމަލާއިގެން ކުރިއަށްދިއުމަށް ގޮވައިލަމެވެ! ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުޠުހަމަވާ އެންމެން މި ކަމުގައި ބައިވެރިވާށެވެ! ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމުގައި ޢިލްމުވެރީން ދެކެވަޑައިގަނެއެވެ. އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ޞަދަޤާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ޞަދަޤާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ ކަމެކެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ލޭ ހަދިޔާކުރުމުގެ އިތުރަށް ވެސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވިދާނޭ ކިތަންމެ ކަމެއް ހުންނާނެ ކަމަށާއި، ކާންބޯން ނުލިބޭ މީހުންނަށް ކާނޭ އެތިކޮޅެއްދިނުމާއި، ތަނަވަސްކަން ނެތުމުގެ ސަބަބުން ބޭސްފަރުވާ ނުކުރެވިގެން އުޅޭ މީހުންނަށް އެހީވެދިނުން ފަދަ ކަންކަމުގެ އިތުރަށް އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ކުރިމަތިވާ ހާދިސާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި އެ މީހުންނަށް އަވަސްފަރުވާ ދިނުމާއި، ހޮސްޕިޓަލާ ހަމައަށް އެ މީހުން ގެންގޮސްދިނުމަކީ ވެސް އޭގެތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

ވާޖިބު އަޅުކަންތަކުގެ އިތުރަށް، ފަގީރު ނިކަމެތީންނަށް ކާއެތިކޮޅު ދިއްކޮށްލައި، އެކިއެކި ހާޖަތްތެރީންނަށް އެހީތެރިވެދިނުމަކީ، ކޮންމެ މުސްލިމަކުމެ އޭނާގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ކުރާންޖެހޭނޭ ކަމެއް ކަމަށާއި، އެކަން އެގޮތަަށް ކުރަން ޖެހެނީ އޭގެ ސަވާބާއި ދަރުމައިގެ މަތިވެރިކަމުގެ ސަބަބުން ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު