ENGLISH
06 ފެބްރުއަރީ 2026
އުފާވެރި ހަބަރެއް؛ 18 މަސް ތެރޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިމޭނެ
06 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަށެއްގެ ފެނުގެ ނިޒާމު އިފުތިތާހުކޮށްދެއްވަނީ
އެންމެ މަޤްބޫލު
ރާއްޖޭގެ ހުރިހާ ރަށެއްގަައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމުކުރެވިފައި ނެތް ހުރިހާ ރަށެއްގައި އެ ނިޒާމުތައް ގާއިމުކޮށް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމަވައިލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި މުއްދަތުގައި 42 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މުއްދަތުގައި އިތުރު 39 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ބާކީ އޮތީ 51 ރަށގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި 40 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.
" އިރާދަކުރެއްވިއްޔާ، މި ހުރިހާ މަޝްރޫޢުތައް ނިންމާ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނަން.،" ރައީސް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި އަޕްގްރޭޑުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ސަރުކާރުން ކުރަމުން އަންނަ އެއް މަސައްކަތަކީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީކަމުގައިވާ އައްޑޫ ސިޓީގެ ފެނުގެ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ އައްޑޫ ފެނުގެ ނިޒާމު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި، އަންނަ އޭޕްރީލު މަހުގެ ނިޔަލަށް ހިދުމަތް ދޭނެ ފެށޭނެ ކަމށެވެ.
މާލޭ ސަރަހައްުގެ ފެނުގެ ވިއުގައިގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވައި މިހާރު ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލޭގައި ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން 10،000 ޓަނުގެ ތާނގީއެއްގެ މަސައްކަތް ފާއިތުވި އަހަރު ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، މިހާރު ހިނގަމުންދާ 13،000 ޓަނުގެ ތާނގީގެ މަސައްކަތުގެ އިތުރަށް 13،000 ޓަނުގެ ފެން ރައްކާކުރުމުގެ އިތުރު އަމަލީ މަސައްކަތެއް ފެށޭނެ ކަމަށެވެ.
" މި މަސައްކަތްތައް 2027 ގައި ނިމިގެން ދާއިރު މާލެ ސަރަހައްދުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން 130% އިރާދަކުރެއްވިއްޔާ އިތުރު ވެގެން ދާނެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި ފެންއުފެއްދޭ މިންވަރު 2025 ވަނަ އަހަރުގެ ތެރޭގައި 16% އިތުރު ކުރެވިފައިވާއިރު، މިހާރު ކުރިޔަށްދާ 5000 ޓަނުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ނިމުމާއެކު މާލެ ސަރަހައްދުގައި ފެން އުފެއްދުމުގެ ޤާބިލްކަން 25% އަށް އިރާދައްކުރެއްވިއްޔާ އިތުރު ވެގެންދާނެ.،" ރައީސް ވިދާޅުވިއެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފެށިފައި ހުރި ނަރުދަމާއާއި ފެނުގެ ގިނަ މަޝްރޫއުތައް ހުރީ މަޑުޖެހިފައެވެ. އެމަނިކުފާނު ގެންދަވަނީ އަތޮޅު ތެރޭގައި ކުރިން ހުއްޓިފައި ހުރި މިފަދަ މަޝްރޫއުތައް ހަލުއިކުރެއްވުމާއެކު އައު މަޝްރޫއުތައް ފައްޓަވައި ކުރިއަށްގެންދަވަމުންނެވެ. އަދި މާލޭ ސަރަހައްދުގެ ފެން އުފެއްދުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރެއްވުމަށް ރައީސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.