ENGLISH

06 ފެބްރުއަރީ 2026

Advertisement

އާރްޑީސީގެ ގާބިލުކަން އިތުރުކޮށް, މަގު ހެދުމުގެ 110 މަޝްރޫއެއް 22 މަސް ތެރޭގައި ނިންމާނެ: ރައީސް

06 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫއު ރައީސް އިފުތިތާހުކޮށްދެއްވަނީ

ކުރިއަށް އޮތް 22 މަސްދުވަހުގެ ތެރޭގައި 110 ރަށެއްގެ މަގުހެދުމުގެ މަޝްރޫއެއް ނިމިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ބުރާސްފަތިދުވަހު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ތަގުރީރުކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި އެއްގަމު މަގުން ފެންވަރު ރަނގަޅު ދެމެހެއްޓެނެވި ދަތުރުފަތުރުގެ ވިއުގަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި 2025 ވަނަ އަހަރު ހަ ރަށެއްގެ މަގު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަަށެވެ. 

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ މިހާރު ސަރުކާރުން ކުރަމުންދާ މަގުހެދުމުގެ މަސައްކަތްތަކުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ނިމުނު އަހަރު އަލަށް ސޮއިކުރި 57 މަޝްރޫއާއެކު މިވަގުތު މަގުހެދުމުގެ 97 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު އިތުރަށް ހާމަކުރެއްވި ގޮތުގައި މި އަހަރު 13 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ހަވާލުކުރެވިގެންދާނެ ކަމަށެވެ. މިހާރު ހިނގަމުންދާ މަގުހެދުމުގެ 97 މަޝްރޫއާއި މި އަހަރު ހަވާލުކުރާ 13 މަޝްރޫއާއެކު މަގުހެދުމުގެ 110 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

" އިރާދަކުރެއްވިއްޔާ މި 110 ރަށުގެ މަގުހެދުމުގެ މަޝްރޫއުތައް ކުރިޔަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރާނަން. މަގު ހެދުމުގައި، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ގިނަ ރަށްތަކެއްގެ ރައްޔިތުން އެދިފައިވާ ގޮތަށް ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒަމާއެކު ވެލި މަގުތައް ހެދުމަށް ވާނީ ނިންމާފައި.،" ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ މި މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ މަސައްކަތްތައް ހަލުއިކުރުމަށް ކުރައްވަަމުންދާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ. އެގޮތުން މަސައްކަތް ހަލުއިކޮށް، ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރިއަށްގެންދިއުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއަށް ބޭނުންވާ އެންމެހައި ޒަމާނީ މެޝިނަރީއާއި އިކުއިޕްމެންޓު މި އަހަރުގެ އޭޕްރީލު މަހުގެ ކުރިން އެ ކުންފުންޏަށް ހޯދައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

" އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހާ މެޝިނަރީ އާއި އިކުއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މިއަހަރު އެޕްރީލް މަސް ނިމުމުގެ ކުރީން ގެނެވޭނެ.," ރައީސް ވިދާޅުވިއެވެ. 

އާރްޑީސީގެ ގާބިލުކަން އިތުރުކުރުމަށް ގެންނަ އިކުއިޕްމެންޓުތަކުގެ ތެރެއިން އެއް ސެޓްއަޕް މޯބަލައިޒްކުރެވޭނީ ގުޅިފަޅަށް ކަމަށާއި، އެސެޓްއަޕް ބޭނުންކޮށްގެން ގުޅިފަޅުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ވިއުގަ ގާއިމުކޮށް، މަގު ހެދުމުގެ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފައްޓަވާެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ގިރާވަރުފަޅު ހިއްކައި ނިމުމުން އެފަދަ ސެޓްއަޕެއް އެ ސަރަހައްދަށްވެސް މޯބަލައިޒްކުރެވޭނެ ކަމަަށް ރައީސް ވިދާޅުވިއެވެ. 

އަދި މި އަހަރު ތެރޭގައި މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަަތުގެ ތެރެއިން ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށޭނެކަން ފާހަގަކުރައްވައި ރައީސް ދެއްވީ މި އަހަރު ފަހުކޮޅު މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަމެވެ. 

ކިޔުންތެރިންގެ ހިޔާލު