ENGLISH

06 ފެބްރުއަރީ 2026

Advertisement

އައު އެއާޕޯޓު އެޅުމާއި، މިހާރު ހުރި އެއާޕޯޓުތައް އިތުރަށް ތަރައްގީކުރުމުގެ 23 މަޝްރޫއެއް އެބަ ކުރިއަށްދޭ

06 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

މ.މުލީ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދާ އައު އެއާޕޯޓުތަކުގެ މަސައްކަތާއި، މިހާރު ހުރި އެއާޕޯޓުތައް އިތުރަށް ތަރައްގީކުރުން ހިމެނޭހެން ޖުމްލ 23 އެއާޕޯޓެއްގެ މަސައްކަަތް ސަރުކާރުން ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ. 

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމަށް އިއްޔެ ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް އެއާޕޯޓުތައް ތަރައްގީކުރުމާއި ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެތެރޭގައި ދަތުރުކުރާ އެއާލައިންތަކާއި އުދުހޭ ރޭޓުތައް އިތުރުކޮށް، ވައިގެ މަގުންނައި ކަނޑުމަގުން އަދި އެއްގަމު މަގުން ދަތުރުކުރުމުގެ ވަރުގަދަ ވިއުގައެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން މުހިއްމު ޒަރޫރީ ކަމެއް ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާގު (ކޮންޓެކްސްޓު) މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ހާލަތުގައި ވައިގެ މަގުންނާއި ކަނޑު މަގުންނާ އަދި އެއްގަމު މަގުން ދަތުރުކުރުމުގެ ވަރުގަދަ ވިއުގައެއް ގާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. 

ވައިގެ ދަތުރުފަތުރުގެ ވިއުގަ ވަރުގަދަކުރުމަށް ސަރުކާރުން ކުރި މަސަައްކަތްތަކުގެ ނަތީޖާތަކެއްގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ނިންމައި ޖުލައި 26، 2025 ވަނަ ދުވަހު އިފުތިތާހުކުރެވުނު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ނޮވެންބަރު 9، 2025 ވަނަ ދުވަހުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި ހުޅުވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 

އަދި ނިމުނު އަހަރުގެ ތެރޭގައ ގައުމީ އެއާލައިނަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެެނެސް ޖަަނަވަރީ 22، 2025 ވަނަ ދުވަހުން ފެށިގެން ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރު ތެރޭގައި ގެންނަވައި އޮޕަރޭޝަން ފައްޓަވާނެ ކަމަށެވެ. 

" މީގެ އިތުރަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް، ބޮއިންގ 777 އަދި އެއަރބަސް އޭ 350 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް ޚިދުމަތް ދެވޭ ފެންވަރަށް ރަންވޭއާއި އެޕްރަން ވާނީ ބޮޑުކޮށްފައި. އަދި އެއަރޕޯޓްގެ ޓަރމިނަލް ބޮޑުކުރުމުގެ މަޝްރޫޢު ވެސް މިހާރު ވަނީ ފަށާފައި.،" ރައީސް ވިދާޅުވިއެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ މުލީ އެއާޕޯޓުވެސް ނިންމައި ނިމުނު އަހަރު ހުޅުވނު ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓުތައް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެގޮތުން އަލަށް އެއާޕޯޓު ގާއިމުކުރާ ރަށްތައް ކަމުގައިވާ،  ހ.އ ދިއްދޫ، ހދ.މަކުނުދޫ، ށ.ބިލެތްފަހި، ށ.ކޮމަންޑޫ، ށ. މިލަންދޫ ،ނ. ވިހަފަރު، ރ. އަލިފުށި، ރ. ފައިނު، ބ. ތުޅާދޫ، އއ.މަތިވެރި، ފ.ނިލަންދޫ، ފ. މަގޫދޫ، ތ.ގުރައިދޫ، ތ. ވިލުފުށި، ގއ.ވިލިނގިލީ އެއާޕޯޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. 

އަލަށް ގާއިމުކުރާ އެއާޕޯޓުތަކުގެ އިތުރަށް ކައްދޫއާއި ކާޑެއްދޫ އަދި އައްޑޫ ގަން އެއާޕޯޓާއި  ހއ.ހޯރަފުށި، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ގއ. މާވަރުލޫ، އަދި ފުވައަމުލައް ސިޓީގެ އެއާޕޯޓުތައް އިތުރަށް ތަރައްގީކޮށް އަަޕްގްރޭޑުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" އެއަރޕޯޓު ތައް އަޕްގްރޭޑް ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއަރޕޯޓުތަކެއްގައި ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ތަރައްޤީކޮށް މިހާރުވަނީ ބޭނުން ކުރަން ފަށާފައިކަންވެސް ފާހަގަކޮށްލަން.،" ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ބ.ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނަށް ބަދަލުކޮށް އިތުރަށް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ލ.އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމުގެ މަސައްކަަތްވެސް މި އަހަރު ފެށޭނެ ކަމުގއި ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު