ENGLISH
06 ފެބްރުއަރީ 2026
ބޮޑު ކާމިޔާބެއް؛ މި ދައުރުގައި މިހާތަނަށް 21،174 ވަޒީފާގެ ފުރުސަތު އިގުތިސާދުގެ ތެރެއިން ފަހިކުރެވުނު
06 ފެބްރުއަރީ 2026
|
ވަޒީފާ ފުރުސަތުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އުފައްދާފައިވާ ޖޮބް ސެންޓަރުގެ ހަރަކާތެއްގެ ތެރެއިން
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ފާއިތުވި ދެ އަހަރާއި ތިން މަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދުގެ ތެރެއިން ޖުމްލަ ގޮތެއްގައި 21،174 ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމުގެ ޖަލްސާގައި އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ސިންދަފާތުކުރުމާއެކު، ތައުލީމީ ގާބިލު ދިވެހި ޒުވާނުންނާއި އެކި އުމުރުފުރައިގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ނޮވެންބަރު 17، 2023 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 21،174 ވަޒީފާގެ ފުރުސަތުތައް ދިވެހި އިގުތިސާދުގައި އުފެއްދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން 6،724 ވަޒީފާއަކީ އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން އުފެއްދުނު ވަޒީފާގެ ފުރުސަތުތަކެވެ.
ސަރުކާރުން އަންނަނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން ދިވެހިންނަށް އެކަނި އަދާކުރެވޭނެ ވަޒީފާތައް ކަނޑައަޅައި ބައެއް ވަޒީފާތަކުގައި ބިދޭސީން ގެންގުޅުން މަނާކުރުމުންނެވެ. އެގޮތުން 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަަތްކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
" ނަތީޖާއެއްގެ ގޮތުން، ކުރިޔަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25000 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދާނެ.،" ކޭޝިއަރުންގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރުމުން ނިކުންނާނެ ނަތީޖާގެ މައްޗަށް އަލިއަޅުވައިލައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އަމާޒު ހާސިލުކުރުމަށް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވެއެވެ. އެގޮތުން މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިވުމާއި، ވަޒީފާގެ އަހުލާގާ ގުޅޭ ގޮތުން ހޭލުންތެރިކުރުމާއި، ވިޔަފާރިވެރިންނާ ގުޅިގެން ވިޔަފާރިތައް މިކަމަށް ތައްޔާރުކުރުމަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުން ފަދަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދާނެއެވެ.