ENGLISH
06 ފެބްރުއަރީ 2026
ތެދު ޚަބަރު ފަތުރާ މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
05 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން، ފަސް ކާފު ހަމަ، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، މި ސަރުކާރުން، ރައްޔިތުންގެ މި މުހިންމު ޙައްޤު ކަށަވަރު ކޮށްދިނުމުގައި ސާބިތުވެ ދެމި އޮންނާނެކަމުގެ ޔަގީން ކަންދެއްވި އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިއަދު ހެނދުނު އޮތް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުން ޤާއިމްވެގެން ދިޔުމުގައި އަދި، ތަރައްޤީ ގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ހަރުދަނާ މީޑިއާއެއް ޤައުމުގައި ޤާއިމްވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މީޑިއާތަކަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ތާރީޚުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފައިވަނީ މިސަރުކާރުގައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދޫކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީޑިޔާތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މި ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިޔަށްދާކަން ހާމަކުރެއްވި އެވެ. އަދި ހުޅުމާލޭގެ ފޭސް 1 ގައި ހަދަމުންދާ މި މީޑިއާ ވިލެޖް ގައި 34 ޖާގަ ހިމެނޭނެކަމަށާއި މިތަން ނިމި، މީޑިއާތަކަށް މިތަނުގެ ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.