ENGLISH
05 ފެބްރުއަރީ 2026
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ސެޕްޓެންބަރު މަހު ފަށަނީ
05 ފެބްރުއަރީ 2026
|
ބޮޑު މިސްކިތުގެ ކުރެހުމެއް --
އެންމެ މަޤްބޫލު
ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި މިއަދު އިއުލާން ކުރެއްވި ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ގެ ބިންގާ އަންނަ ސެޕްޓެންބަރު މަހު އަޅާނެ ކަމަށް އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހިމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވީ މި މިސްކިތުގެ ބިންގާ އަޅާނީ ރާއްޖެއިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅިގެން 13 ސެޕްޓެމްބަރުގައި ކަމަށެވެ. ބިންގާ އަޅައި އަމަލީ މަސައްކަތް އެ ދުވަހު ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިނގާއި ޕާކިން ވެސް ހިމެނޭނެ ކަމަށެވެ. އަދި ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް މިސްކިތުގައި ހިމެނޭނެކަމަށް ވިދާޅުވި އެވެ.
ވަޒީރު ވަނީ މިސްކިތުގެ ބައެއް ކުރެހުންތައްވެސް އާންމު ކުރައްވާފަ އެވެ.
މި މަޝްރޫޢަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ވަނީ ފަންޑު ހަމަޖެހިފައި ކަމަށާ މިއީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ރާއްޖޭގައި ޤާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫޢަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް ވަނީ ނިމިފަ. މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ތަފްޞީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް. މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން," ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫޢުގެ ޑިޒައިނިންއާއި ހުރިހައި މަރުޙަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫޢަށް ފަންޑުކުރާ ފަރާތުން ކަމަށާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި މިސްކިތުގައި ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދުކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށާ މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރު ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތަށް ވެގެންދާނެ އެވެ. މި މިސްކިތް ބިނާކުރާނީ ފޭސް ދެއަކާއި ތިނަކާއި ދެމެދުގައި ކަމަށް ވިދާޅުވި އެވެ.