ENGLISH
05 ފެބްރުއަރީ 2026
އަންނަ މަހު ސްކޭޓިންގ އެރީނާގެ މަސައްކަތް ނިންމާ، ހުޅުވަނީ
05 ފެބްރުއަރީ 2026
|
އުސްފަސްގަނޑުގައި ސްކޭޓިންގ އެރީނާގެ މަސައްކަތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރަމުންދާ ސްކޭޓިންގ އެރީނާގެ މަސައްކަތް ނިންމާ، އަންނަ މާރޗް މަހުގެ ތެރޭގައި އެތަން ރަސްމީކޮށް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މާލޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި، އިންލައިން ސްޕީޑް ސްކޭޓިންގ ނުވަތަ ރޯލަރ ސްކޭޓިންގ ރިންގަކާއި އެކު ސްކޭޓް ޕާރކް އެރީނާއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެންމެ ކުރިއްސުރެ ސްކޭޓިންގ އަށް ދިވެހިރާއްޖޭގައި ތަރުހީބު އޮތް ނަމަވެސް އެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިނުވާކަން ރައީސް ފާހަގަކުރެއްވެވިއެވެ.
"80ގެ އަހަރަކުތަކުން ފެށިގެން ދިވެހިރާއްޖޭގައި ސްކޭޓް ބޯޑިންގ އަދި އިންލައިން ސްޕީޑް ސްކޭޓިންގެ އެކި ހަރަކާތްތައް ކުރިއަށްދިޔަ ނަމަވެސް އެކަށީގެންވާ ވަސީލަތެއް ގާއިމްކުރެވިފައި ނުވޭ. މި ސްކޭޓް ޕާރކް އެރީނާ ގާއިމުކުރެވިގެންދަނީ ސަރަހައްދީ މުބާރާތްތައް ބޭއްވޭ ފެންވަރަށް." - ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު
މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ގާއިމުކުރެވޭ މި ސްކޭޓް ޕާކް އެރީނާ ވެގެންދާނީ ދިވެހިރާއްޖޭގައި ސްކޭޓް ކުރުމުގެ ކުޅިވަރު ކުރިއެރުވުމަށް ގެނެވޭނެ ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
"މި މަޝްރޫއު އެއްކޮށް ނިންމާ މިއަހަރު ގެ މާރޗް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ރަސްމީކޮށް ހުޅުވާނަން. " - ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު
ސްކޭޓިން އެރީނާ ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޕީޑް ސްކޭޓިން ޓްރެކަކާއި ސްކޭޓް ބޯޑް ޕާކެއް ހިމެނޭ ގޮތަށް ތަރައްގީކުރާ، ސްކޭޓިން އެރީނާގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ރަހީމްއެވެ.