ENGLISH

05 ފެބްރުއަރީ 2026

Advertisement

ރައީސްގެ އިޢުލާނާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލަހައްޓަމުން ގެންދާނެ: ޑިފެންސް

05 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ތުރުކީން ހަދިޔާކުރި މަނަވަރު ސިފައިންނާއި ހަވާލުކުރުން -- ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަ ކަމަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާތީ ކަނޑައެޅިފައިވާ ކަނޑުގެ ސަރަޙައްދު ބަލަހައްޓަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދިފާޢީ ވުޒާރާއިން ދީފި އެވެ.

އެ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ) ގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވާ ކަމަށާ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވާފައިވާތީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ދިވެހި ސިފައިންނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމުގައި ބަލާނީ ޤާނޫނު ނަންބަރު 96/06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ސަރަޙައްދު ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި،ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާގުޅިފައިވާ ޖައްވުކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި، އެ ޤާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުކަމާއި، އެގޮތުން ދިވެހިރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ޤައުމުތަކާއެކު 31 ޖުލައި 1976 ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ޑިޓަރމިނޭޝަން އޮފް ދަ ޓްރައި ޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން އެއްވެސް ޤައުމަކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، ދިވެހިރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ މި ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދެއް ދިވެހިރާއްޖެއަށް ލިބިގެންވާކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެޤާނޫނުއަސާސީގެ 243 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސިފައިންގެ މައިގަނޑު މަޤްޞަދުކަމަށް ބަޔާންކޮށްފައިވާއިރު، ސިފައިންގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ މިނިވަންކަމާއިސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުމާއި، ޤައުމީ މަސްލަހަތު ޙިމާޔަތްކޮށް،ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަމާއި، އަދި ބުނެވިދިޔަ މާއްދާގެ (ނ) ގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް ސިފައިންގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާތީ އާއި، ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދުތައް ދިފާޢުކޮށް، ޙިމާޔަތްކޮށް ބެލެހެއްޓުމަކީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވީހިނދު، މި މަސްއޫލިއްޔަތު އަސްކަރިއްޔާގެ ޤާބިލްކަން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އިޚްލާޞްތެރިކަމާއި، ފަރުވާތެރިކަމާ އަދި ސާބިތުކަމާއެކު ދިވެހި ސިފައިން އަދާކުރާނެ ކަމުގައި ވަނީ ބުނެފަ އެވެ.

އަދި ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގައި ދިވެހިރާއްޖޭގެ ސިޔާދަތީ ޤާބިލްކަން ހޯދުމަށް ފާއިތުވި 2 އަހަރު ސަރުކާރުން ކުރި މަސައްކަތުން، ކަނޑާއި ވައިގެ ޒަމާނީ އުޅަނދުތައް ޚިދުމަތަށް ނެރެވި ކަނޑުތައް ބެލެހެއްޓޭނެ އިތުރު ވަޞީލަތްތައް ޤާއިމުކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ޤާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ސާބިތު މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ޔަޤީންކަން ދީފަ އެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ކަނޑުތަކުގައި، ޤާނޫނީ ހަމަތަކުގެ މަތިން އިޤްތިޞާދީ އަދި އިޖުތިމާޢީ ނަފާއާއި މަންފާ ޙާޞިލުކުރުމަށް ފަހި، އަމާން އަދި ރައްކާތެރި ވެއްޓެއް ދިވެހިންނަށް ޤާއިމުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައިކަންކަން ދިވެހި އަސްކަރިއްޔާއިން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ވެސް ދިވެހި ރައްޔިތުންނަށް ވަނީ ދީފަ އެވެ. އަދި، މި ޒިންމާ އަދާކުރުމުގައި ރަޙުމަތްތެރި ޤައުމުތަކާއެކު ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެއްކަންވެސް ފާހަގަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު