ENGLISH

05 ފެބްރުއަރީ 2026

Advertisement

ބޮޑު ކާމިޔާބީއެއް: 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި

05 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ސަރުކާރުން ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވެ 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ ހުއްޓާލާފައި. ފޮޓޯ؛ ސޯޝަލް މީޑިއާ

ދުންފަތާ ދުރުހެލި މުޖުތަމައެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، މި އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވައި ދެއްވަމުން ރައީސް ވިދާޅުވީ ދިވެހިންގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގުޅޭ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި، 433 ޞިއްޙީ ޚިދުމަތްތެރިން މި ޚިދުމަތަށް މިހާތަނަށް ތަމްރީނުކޮށްފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ބޭނުންކުރާ ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީ އާސަންދަ ނިޒާމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިފިން. އަދި، މިހާތަނަށް 2003 ރައްޔިތުން ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ގައި ބައިވެރިވެ، 375 ރައްޔިތުން ކާމިޔާބު ކަމާ އެކީ ދުންފަތުގެ އިސްތިޢުލާމު ކުރުމުން ދުރުވެއްޖެ." -  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުން ހިމެނެއެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތައް ރައީސް ތަޞްދީޤުކުރެއްވުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް މަތިކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު