ENGLISH
05 ފެބްރުއަރީ 2026
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް "ހޯމް ސްކޫލިން ޕާތުވޭ" ތައާރަފުކުރަނީ
05 ފެބްރުއަރީ 2026
|
ސުކޫލެއްގެ ދަރިވަރުންތަކެއް. ފޮޓޯ؛ ތައުލީމީ ވުޒާރާ
އެންމެ މަޤްބޫލު
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު "ހޯމް ސްކޫލިން ޕާތުވޭ" ތަޢާރަފުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބަލައި، ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ހޯމް ސްކޫލިން ޕާތުވޭ ތަޢާރަފު ކުރަން ޤާނޫނަށް އިސްލާޙު ގެންނަން މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިން ކިޔަވަން ބޭނުންވާ ވަޞީލަތްތައް މިއަހަރު ސްކޫލުތަކުގައި ޤާއިމްކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެކުދިންނަށް ޚާއްސަ ކްލާސްރޫމްތަކާއި ޙާލަތަށް ރިޔާއަތްކޮށް ޕްރައިވަސީ ލިބިދޭ ގޮތަށް ޚާއްސަ ފާޚަނާތަކާއި އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތަކާއި ކަމާބެހޭ އެހެނިހެން ވަޞީލަތްތައް ނެތް ހުރިހާ ސްކޫލްތަކެއްގައި މިއަހަރު ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެ." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އެކި މާއްދާތަކުގެ ފޮތްތައް ތަރައްޤީކުރުމާއި އެކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒު ކުރަން މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލާ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސްގެ ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން "ވޯކް ފްރޮމް ހޯމް" އަށް ބަދަލުކުރުމުގެ ފުރުޞަތު އަންނަ މަހުން ފެށިގެން ލިބޭނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، އެކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ކުއްޖާ ހައްޤުތަކުން މަހުރޫމްވެގެން ނުވާނެ ކަމަށާއި ހުރހާ ކުދިން ޝާމިލްކޮށްގެން ކިޔެވައިދިނުމަކީ އިންކުލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ކަމަށާއި އެކަން ތަންފީޒު ކުރުމުގެ ޚާއްސަ މަޝްރޫޢުއެއް މިއަހަރު ކުރިއަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރަން މިދިޔަ އަހަރު ފެއްޓެވި މަސައްކަތް މިއަހަރު ފުޅާކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.