ENGLISH
05 ފެބްރުއަރީ 2026
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ 17 އުޅަނދު މިއަހަރު ހިދުމަތަށް ނެރެނީ
05 ފެބްރުއަރީ 2026
|
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަަރު ޚިދުމަތަށް ނެރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވަނީ ޤައުމީ ދިފާޢީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެ ދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން، ކޯސްޓްގާޑްގެ ޚިދުމަތް ދެ ގުނަކުރުމުގެ މަސައްކަތުގެ ތެރެއިން، ތުރުކީ ވިލާތުގެ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތަށް މިހާތަނަށް ތަޢާރަފު ކުރެވުނު އެންމެ ބޮޑު ޢަސްކަރީ މަނަވަރު މި ދިޔަ އަހަރު ޚިދުމަތަށް ނެރެފައިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި އޭގެތެރެއިން ތިން އުޅަނދު ޚިދުމަތަށް ނެރެފައިވާއިރު މި އަހަރުގެ ތެރޭގައި އިތުރު 17 އުޅަނދު ޚިދުމަތަށް ނެރެވޭނެ. އަދި، ދެ ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފައި." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު ވެސް މިއަހަރު ޚިދުމަތަށް ނެރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމް.އެން.ޑީ.އެފްގެ އެއަރ ކޯ ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު އެމް.އެން.ޑީ.އެފްގެ ފުރަތަމަ އެއަރ ސްޓޭޝަން އައްޑޫ ސިޓީގައި ބިނާކޮށ ބޭނުން ކުރަން ފަށާފައިވާކަމަށާއި އަދި އުތުރުގައި އެއަރ ސްޓޭޝަނެއް ޤާއިމް ކުރުމަށްޓަކައި ށ. ފުނަދޫގައި ހަދަމުންދާ އެއަރ ސްޓޭޝަންގެ މަސައްކަތް ނިންމާ މިއަހަރު ބޭނުން ކުރަން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިފައިންގެ ތަޢުލީމާއި ތަމްރީނުގެ ކަންކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިރިފުށި ބިންހިއްކުމާއި ޢުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތާއި އެމް.އެން.ޑީ.އެފްގެ އައްޑޫ ޓްރޭނިން ސެންޓަރ އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކަޅުތުއްކަލާކޮށީގައި ޢުމްރާނީ ބިނާގެ މުހިއްމު މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެެ.
ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތާއި، އިމަރޖެންސީ އޮޕަރޭޝަންގެ ޚިދުމަތާއި، ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސްއާއި އެކޮމޮޑޭޝަނާއި، އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެކި ދާއިރާތަކުން ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ނިޒާމުތައް އެކުލަވާލައި މި ހުރިހާ ކަމަކަށް ޚާއްޞަ އިސްކަމެއްދީ މި އަހަރުތެރޭ މި މަސައްކަތްތައް ކުރިޔަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.