ENGLISH
05 ފެބްރުއަރީ 2026
ދަނޑުވެރިކަމުގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ: ރައީސް
05 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ދަނޑުވެރިކަމުގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، މި ސަރުކާރުގެ ސިޔާސަތުކަމަށެވެ.
މި އަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ޤާއިމްކުރެވިފައިވާކަމަށެވެ.
"ދަނޑުވެރިކަމުގެ ވިޔަފާރިތައް އިތުރުކޮށް، މިދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. 'ޕަބްލިކް ޕްއިވެޓް ޕަރޓްނަރޝިޕް'ގެ ދަށުން ކޮނޑޭގައާއި ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ވާނީ ހުޅުވާލާފައި. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު
ރައީސް އިތުރަށް ވިދާޅުވީ ލ. ގަން އަދި ހދ. ނޮޅިވަރަމުގައި މަޝްރޫޢުތައް ކުރިއަށްގެންދަން މި އަހަރު ހުޅުވާލާނެކަމަށާއި، މި މަޝްރޫޢުތަކުގައި މަސައްކަތް ކުރާނީ، ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދިމާވާ ދަތިތައް ފަދަ ރަށު ފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް ދެ އަހަރު ވެފައިވާއިވާއިރު ދަނޑުވެރިކަމުގެ ދާއިރާއިން ރައީސްގެ ތަސައްވުރު ހާސިލްކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޒަމާނީ ދަނޑުވެރިކަން ރާއްޖޭގައި ފުޅާކޮށް ކުރިއެރުވުމުގެ ތެރެއިން ގިނަ އަތޮޅުތަކެއްގައި ގްރީން ހައުސްތައް ގާއިމްކޮށް ވާޓިކަލް ފާމިން އަދި ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކޮށް، ޒަމާނީ ދަނޑުވެރިކަން އަންނަނީ ފުޅާކުރަމުންނެވެ.
ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ރައްކާތެރި ކާނާކަން ކަށަވަރު ކުރުމަށް، ދަނޑުތައް އެމްގެޕް ސެޓްފައިޑް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް 10 ދަނޑެއްވަނީ މި މިންގަޑަށް ސެޓިފައިޑް ކޮށްފައެވެ. އަދި ދަނޑުވެރިކަމުގައި ފެތުރެމުންދާ ބަލިތައް ތަހުލީލް ކުރެވޭފަދަ ވަސީލަތްތަކާއި އެކު ޏ. ފުވައްމުލަކުގައި ޔޫއެންޑީޕީގެ އެހީ އާއި އެކުވަނީ ލެބޯޓްރީއެއް ގާއިމުކޮށްފައެވެ.
މީގެ އިތުރުން ދަނޑުވެރިންގެ އުފެއްދުންތަކުން އަގު އެއްކުރި ތަކެތި ތައްޔާރުކޮށް ބާޒާރަށް ނެރުމަށް، ށ. ގޮއިދޫގައި މިހާރުވަނީ ފެސިލިޓީއެއް ވެސް ގާއިމުކޮށްފައެވެ. މި ކަންކަމަކީ ރާއްޖޭގައި ކާނާގެ ޔަގީންކަން ގާއިމު ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅުތަކެކެވެ.