ENGLISH
05 ފެބްރުއަރީ 2026
މިހާތަނަށް 24 ކުއްޖަކަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދީފި
05 ފެބްރުއަރީ 2026
|
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް މި ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 24 ކުދިންނަށް އެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ކުރިން އަޅާ ނުލައި އޮތް އޮތުން، މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ރަނގަޅު ފެންވަރެއްގެ ހިދުމަތް ދިނުމަށްޓަކައި، ހައްލުކުރަން ޖެހިފައިވާ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ތެލަސީމިއާ ކުދިންނަށް ހިދުމަތް ދެމުން އައި ވީރާނާވެފައިވާ ސެންޓަރުގެ ހިދުމަތް ހުޅުމާލެ އޮރެންޖް ހިޔާއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ހިންގުމަށް ބޭނުންވާ މަސައްކަތްތައް ނިންމާ ބަދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސެންޓަރު ހިންގުން މިހާރު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއާ ހަވާލު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.
ސެންޓަރު ގާއިމުކޮށް އެތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ރަނގަޅު ކުރުމުގެ ގޮތުން 38 އާ މަޤާމު އުފައްދަވާ، 30 މުވައްޒަފުން ރެކްރޫޓް ކުރެވިފައިވާކަމަށް މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެކަށީގެންވާ ގިނަ ހިދުމަތްތަކެއް ކުރިން ނުލިބިވާކަން ފާހަގަކުރައްވަމުން ރައީސް އަލިއަޅުއްވާލެއްވީ، މި ސަރުކާރުން އަލަށް ފަށައި ހިދުމަތްދޭން ފެށި ބައެއް ހިދުމަތްތަކަށެވެ. އެގޮތުން ކުރިން ނުލިބޭ އެންޑޮކްރޮނޮލޮޖީ، އިންޓާނަލް މެޑިސިން، ހިއުމަޓޯލޮޖީފަދަ ކުރިން ނުލިބޭ އެކި ސްޕެޝަލިސްޓުންގެ ހިދުމަތް މިހާރު އެކުދިންނަށް ދެމުންދާކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކުރިން ރާއްޖެއިން ނުލިބޭ ހިދުމަތެއް ކަމަށްވާ އެމްއާރުއައިޓީ ޓޫ ސްޓާގެ ހިދުމަތްވެސް ހުޅުމާލެ ހޮސްޕިޓަލުން މިހާރު ލިބެންހުންނާނެ ކަމަށާއި، އެ ހިދުމަތް މިހާރު 28 ފަރާތަކަށް ދެވިފައިވާކަން ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ހިލޭ ބޯންމެރޯ ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން އެ ހިދުމަތް ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 24 ކުދިންނަށް ހިލޭ ބޯންމެރޯ ޕްލާންޓް ހެދުމުގެ ފުރުސަތުދެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ތެލަސީމިއާ ކުދިންނަށް ދެއްވި އެންމެ އުފާވެރި އެއް ހަބަރަކީ، ތެލަސީމިއާ ބާވަތްތައް ސިއްހީ މިންގަނޑުތަކުން ތަހުލީލު ކުރުމުގައި ލޭގައި ހިމެނޭ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓޮމޭޝަން ޑީއެންއޭ ތަހުލީލު ކުރާ ލެބޯޓްރީ ގާއިމްކޮށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލްއެއްގައި ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމެވެ.
މި ތަހުލީލުގެ ސަބަބުން ކުރިން ދެނެނުގަނެވޭ ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަހުލީލުތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެކަމާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެކަން ފާހަގަކުރެއްވި އެވެ. މި ހިދުމަތް ކުރިއަށް އޮތް ހަފްތާއެއް ތެރޭ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ މޯލްޑިވިއަން ބްލަޑް ސާވިސް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެކަން ރައީސް އިއުލާން ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ހޮސްޕިޓަލް ގާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށިގެން ދާނެކަމަށެވެ. ތެލަސީމިއާ ކުދިންނަށް މިއަހަރުން ފެށިގެން 2000 ރުފިޔާގެ އެލަވަންސްއެއްދޭން، މި ސަރުކާރުން ނިންމާ އެލަވަންސް ދޭން މިހާރު ވަނީ ފަށާފަ އެވެ.