ENGLISH
05 ފެބްރުއަރީ 2026
ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއްގެ މަސައްކަތް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްއެބަދޭ: ރައީސް
05 ފެބްރުއަރީ 2026
|
މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މި ސަރުކާރުން ފަށާފައިވާ ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއްގެ މަސައްކަތްތައް އެކި މަރުހަލާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މިދިޔަ އަހަރު މި ސަރުކާރުން އަމަލީގޮތުން ފެށި ޖުމްލަ 33 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި، މި ސަރުކާރު ހަވާލުވިއިރު، ކުރީ ސަރުކާރުން ނުނިންމާހުރި 59 މަޝްރޫއެއް މިދިޔަ އަހަރުގެ ތެރޭގައި ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ހުރިހާ މަޝްރޫއެއް ހިމެނޭހެން ކުޅިވަރު ކުޅުމާއި ހަށިހެޔޮކަމުގެ ދާއިރާއިން މުޅިއެކު 92 މަޝްރޫއެއް މިހާތަނަށް މި ސަރުކާރުން ނިންމާ ހަވާލުކޮށްފައިވާކަން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވެވިއެވެ.
"ކުޅިވަރު ކުޅުމާ ހަށިހެޔޮކަމުގެ 92 މަޝްރޫއެއް މިހާތަނަށް މި ސަރުކާރުންވަނީ ނިންމާ ހަވާލުކޮށްފައި. މީގެ އިތުރުން، މި ސަރުކާރުން ފެށި ކުޅިވަރާ ހަށިހެޔޮކަމުގެ 879 މަޝްރޫއުއެއްގެ މަސައްކަތް އެކި މަރުހަލާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް. މި ހުރިހާ މަޝްރޫއެއްވެސް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރާނަން." - ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު
މީގެތެރޭގައި، ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުތައް ގާއިމުކޮށް ހުޅުވުމާއި، މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ރަށްރަށުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭ 16 ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ނިންމުމަށްފަހު، އެ ތަންތަން ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަހަރު ތެރޭގައި އަދި އިތުރު ފަސް ރަށެއްގައި މިފަދަ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމުގެ އުފާވެރި ހަބަރު ވެސް ރައީސް ދެއްވިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަކީ ނުހަނު މުހިއްމު ކަމެއްގެ ގޮތުގައި އަދުގެ ސަރުކާރުން ދެކޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.