ENGLISH

05 ޖުލައި 2025

Advertisement

މަސްދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނު ދޫކުރުމަކީ އަންނަ އަހަރުގެ އަމާޒެއް: ރައީސް

08 ޑިސެމްބަރު 2024

|

އެމް އެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ރަސްދޫގެ ރައްޔިތުންނާ މުޙާތަބުކޮށް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދޯނި ފަހަރުގައި މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް އަންނަ އަހަރު އެކަމަށް ލޯނު ދޫކުރާ އަދަދު އިތުރު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް ވިދާޅުވީ، އެ މަސައްކަތުގެ ދަށުން އުޅަނދުތަކުގައި މިހާރު ވެސް އައިސް އުފެއްދުމަށް އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނު ދޫކުރަމުން ގެންދާ ކަމަށެވެ.

އޭގެ ފައިދާ މަސްވެރިން ހޯދަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރު އެކަމަށް ލޯނު ދޫކުރާ އަދަދު އިތުރު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައި ހުރިއިރު އާރުއެސްޑަބްލިއު ސިސްޓަމް ދޯނީގައި ހަރުކުރަނީ ވެސް އަމިއްލަ އަށް އައިސް ހޯދޭނެ މަގު ތަނަވަސްކުރަން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަމިއްލަ އަށް އައިސް އުފައްދައިގެން މަސް ރައްކާތެރިކަމާ އެކު ގެންގުޅެވޭނެ ކެޕޭސިޓީ ގާއިމުކޮށްދިނުމަށް މިހާރު ލޯނު ދޭން ފަށައިފި. ވަރަށް ގިނަ މަސްވެރިން އެކަމުގެ ފައިދާ ހޯދަމުން އެބަދޭ. އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ހުރިހާ ކަމެއް ނުގެންގުޅެ، ސަރުކާރުން ހުރިހާ ކަމެއް ކޮންޓްރޯލް ނުގެންގުޅެ، އާންމު މަސްވެރިންނަށް ވިޔަފާރިވެރިންނަށް އެ ބާރު ދޭން،" -  ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި ހުންނަ އައިސް ޕްލާންޓުތައް ހިންގުމަށް ވެސް ކައުންސިލުތަކުން ބޭނުންވެއްޖެ ނަމަ އެ ތަންތަނާ ހަވާލުކުރާނެ އެވެ. އެގޮތަށް ނިންމަނީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭން ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވެ އެވެ.

މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް އެންމެ މުހިއްމު އެއް ދާއިރާ ކަމަށާއި އެ ދާއިރާގެ ބާރުތައް ސީދާ މަސްވެރިންނަށް ދިނުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ރައީސް އެމަނިކުފާނު ވިދާޅުވިއެވެ. 

އއ. އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި ރަސްދު އަށް ވަޑައިގެން ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމަށް އިސްކަން ދޭ ކަމަށެވެ.

ރަސްދޫގައި ވެސް މަހަށް ފުރާ 13 ވަރަކަށް އުޅަނދު އޮތްއިރު އިތުރު އުޅަނދުތައް ބަނދެ، އެކަން އިތުރަށް ފުޅާކުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި މަސްވެރި އުޅަނދުތަކަށް އައިސްއަކީ މުހިއްމު އެއްޗަކަށް ވާތީ އައިސް ޕްލާންޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ. އެހެންވެ، ސައުދީ އަރަބިއްޔާ އާއި އަދިވެސް އިތުރު ފަންޑުތައް މެދުވެރިކޮށް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އައިސް ޕްލާންޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު