ENGLISH

05 ފެބްރުއަރީ 2026

Advertisement

ގެއްލުނު ކަނޑުގެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ރައީސް އިއުލާނުކުރައްވައިފި

05 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ކަނޑުން ގެއްލުވާލި ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ. 

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ ބިމުން ޒައްރެއްގެ މިންވަރުވެސް ދޫކޮށްލައިގެން ނުވާނޭކަމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފޯޅަވައްސާ ފުށޫއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގެ ތެރެއަށް ވަދެ ދެކުނުގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ގެއްލުވާލި ކަންޑުގެ ސަރަަހައްދު ހޯދުމަށް 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު ބަންޑާރަނާއިބަށް އަންގަވާފައި ވާނޭކަމަށް ރައީސް ވިދާޅުވިއެވެ. މައްސަލަ ދިރާސާ ކުރުމަށްޓަކައި ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަައި، ބޭރުގެ މާހިރުންނާއެކު ކުރިއަށް ދިޔަ ދިރާސާތަކުގެ ރިޕޯޓު މިއަހަރުގެ ޖަނަވަރީމަހުގެ 22 ވަނަ ދުވަހު އެމަނިކުފާނަށް ލިބިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

މި މައްސަލަ ދިރާސާ ކުރުމަށް ފަހު ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވާކަމަށާއި، އަދި މި ނިންމުން ތަންފީޒުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށާފައިވާކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ. 

ގާނޫނޫ މާހިރުންގެ ލަފައާއި އިރުޝާދުގެ ދަށުން ގެއްލުވާލި ކަނޑުގެ ސަރަހައްދު ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2022 ވަނަ އަހަރު އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ރައްކާތެރިކަމަށް ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ބައިނަލްއަގްވާމީ މާހިރުން ވިދާޅުވެފައިވާތީ، ރާއްޖެއިން އެ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާކަމަށެވެ.

"ދިވެހި ރާއްޖޭގެ ކަނޑުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލެޖިކް ޕޮއިންޓުތަކަށް ހަވާލާދީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަންޑުގެ ސަރަހައްދު ހިމެނޭހެން ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި ތިޔަ އިއްޒަތްތެރި މެމްބަރުގެ ހާޒިރުގައި އެކަން އިއުލާނުކުރަން." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ގާނޫނު އަސާސީއަށް ގެނެވުނު ހަ ވަނަ އިސްލާހަށް ރިއާޔަތްކޮށް ރާއްޖޭގެ ކަންޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް އެކަން ގަވާއިދުން ބެލެހެއްޓުމަށް "ދިވެހި ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" މި ނަމުގައި އޮފީހެއް ގާއިމުކުރުމަށް ވެސް ނިންމަވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ކުރި ކުރި ކުރީ ސަރުކާރުގެ ވެރިންނާ ސުވާލުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށް އެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ބެލުމަށް އިންކްއަރީއެއް އުފެއްދުމަށް ނިންމިކަން ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. 

ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދާއި ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާއި ފުށުއެރުންކެއް ހުރިކަމަށް ބުނެ ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާއި ދެކޮޅަށް ހުށައެޅި މައްސަލައިގައި، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ބޮޑު ސަރަހައްދެއްވަނީ ގެއްލިފައެވެ. 

މި މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ބައެއް ނިންމެވުންތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވާއިރު ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރުމަށް ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. 

ކުރީ ސަރުކާރުން ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލާގައި އަމަލުކުރި ގޮތުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަަތްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. ސަރުކާރުން އަންނަނީ އެކަމުގައި އެޅޭނެ ފިޔަވަޅުތައް ބަލައި، ޑިޕްލޮމެސީ މެދުވެރިކޮށް ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު