ENGLISH

05 ފެބްރުއަރީ 2026

Advertisement

2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސްގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވައިފި

05 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސް ރިޔާސީ ބަޔާން އިއްވަވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ

މި އަހަރުގެ އަމާޒަކީ ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނެސް، 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުންކަމަށާއި މި އަމާޒަށް ވާސިލުވުމަށް 2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސްގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށެވެ. 

ނިމުނު 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ކާމިޔާބީތަކެއް ހާސިލުކުރެވިފައި ވާނޭކަމަށާއި އެގޮތުން އެ އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކާ ހަވާލާދެއްވައި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުން މިދިޔަ އަހަރު 5.55 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ. މިއީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު 13.8 އިންސައްތައިގެ ކުރިއެރުމެކެވެ.

"މި އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުން. މިކަން ހާސިލުކުރުމަށް ރާއްޖެ ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތަކީ އެންމެން ޝާމިލުވާގޮތަށް ކުރާ މަސައްކަތަކަށް ހެދުމަކީ އަމާޒެއް. އެކަން ހާސިލުކުރުމަށް 2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސްގެ އަހަރު ކަމުގައި ކަނޑައަޅައި އިއުލާނުކުރަން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ވިޒިޓް މޯލްޑިވްސްގެ އަހަރު ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ގުޅިގެން ހިންގާނޭ ގައުމީ ހަރަކާތަކަށް ވެގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ. 

2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސްގެ އަހަރު ކަމުގައި ކަނޑައަޅައި އެކަން ރައީސް އިއުލާނުކުރެއްވި އިރު، ނިމުނު އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ. އެގޮތުން 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް 2025 ގައި ޒިޔާރަތްކޮށްފައިވެއެވެ. އަދި ނިމުނު އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ އަވަހަަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރުވެސްމެ އެވެ. 

ކިޔުންތެރިންގެ ހިޔާލު