ENGLISH

05 ފެބްރުއަރީ 2026

Advertisement

ވިޔަފާރިތަކުގެ ބިލްތަކަށް ސަރުކާރުން މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދައްކައިފި

05 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުން. ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުދަލާއި ޚިދުމަތަށް ލިބެންޖެހޭ ފައިސާ ނުލިބުން ކަމަށާއި، ސަރުކާރުން މިދިޔަ އަހަރު ވެސް ވިޔަފާރިތަކަށް 6.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާން އިއްވަވަމުން މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަފްޞީލުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރިތަކަށް ސަރުކާރުން ދައްކާފައިވާ ފައިސާތަކުގެ އަދާހަމަ ވަނީ ހާމަކުރަައްވާފައެވެ. 

ވިޔަފާރިތަކަށް 6.3 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދެއްކިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަހަރުތަކެއް ވަންދެން ނުދައްކާހުރި ލެގަސީ ބިލްތަކަށް، ސަރުކާރުން އެކުންފުނިތަކަށް 882 މިލިއަން ރުފިޔާ ދޫކޮށްފަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ބިލްތައް ދައްކަނީ ބިލްތަކުގެ ސައްހަކަމާއި އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަންކަމަށް ބެލުމަށް ފަހު މިހާތަނަށް 469 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ދައްކާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލްތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ބިލް ސީދާ ސަރުކާރު ވެސް ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ސަރުކާރުން މީގެކުރިން ނިންމަވާފައިވާ ކަންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، އިމްޕޯޓް މުދާ ކްލިއާކުރުމަށް ޒަމާނުއްސުރެ ދީފައިވާ 80 ގަޑިއިރު 124 ގަޑިއިރަށް އިތުރުކުރުމާއި، ޑެމެރެޖް ފީ ނާރާ މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް އިތުރުކުރުމާއި، ޑެޖެމެރް ފީގެ ގޮތުގައި އަދި ފްރައިޓް ގޮތުގައި ނަޖާ ޗާޖު ދިވެހި ރުފިޔާއިން ނަގާގޮތަށް ހަމަޖައްސާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 20 ކޯޓާއަށް ވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ މިއަހަރު މާޗް މަހުން ފެށިގެން ދައްކަން ނުޖެހޭ ގޮތަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެބަދަލު ގެނައުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ފައްޓަވާނެކަން ވެސް ރައީސް ވަނީ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު