ENGLISH
05 ފެބްރުއަރީ 2026
ކުރަނގި އޮޕަރޭޝަނުގައި މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގައިފި
05 ފެބްރުއަރީ 2026
|
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްރާ ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަނުގައި މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އަޕްޑޭޓްކޮށްފައިވާ ކަމަށާއި، ތިންވަނަ ފިޔަވަހި މެއި 3، 2027 ގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ހާސިލްވާނީ، ނުވަތަ އޭގެ ދާއިމީ ހެޔޮ ބަދަލެއް ރާއްޖޭގެ އިޤްތިޞާދަށް ކުރާނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކޮށްގެން ކަމަށެވެ.
ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ގެ ނަމުގައި އޮޕަރޭޝަންއެއް ފަށާ ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މި އޮޕްރޭޝަންގައި މިހާތަނަށް 205701 (ދެލައްކަ ފަސް ހާސް ހަތް ސަތޭހަ އެކެއް) ބިދޭސީންގެ ދިހަ އިގިލީގެ ނިޝާނާއި، ފޭޝަނަލް ރިކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބަޔޯ މެޓްރިކްސް ނަގައި އަޕްޑޭޓް ކުރެވިފައިވާނެ ކަމަށެވެ. އަދި ބަޔޯމެޓްރިކްސް ނުދީ، ވޯކް ޕާމިޓްއެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަކުރެވިއްޖެނަމަ ވަގުތުން އެމީހަކު ފޮނުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.
ކުރަނގި އޮޕަރޭޝަންގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ނޮވެމްބަރ 17، 2025 އިން ފެށިގެން ޖެނުއަރީ 31، 2026 ގެ ނިޔަލަށް ޤަވާއިދާ ޚިލާފަށް، ދިވެހިރާއްޖޭގައި ބަޔޯމެޓްރިކްސް ނުދީ އުޅުނު 228 ބިދޭސީއަކު ފޮނުވާލެވިފައިވާ ކަމަށެވެ.
މި ސަރުކާރަށް މިވީ އެންމެ 2 އަހަރާ 2 މަސްދުވަސްތެރޭ ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގަ އުޅުނު 11491 ބިދޭސީއަކު ފޮނުވާލެފައިވާ ކަމަށް ވިދާޅުވެ، ފާހަގަކުރެއްވީ 2018 އިން 2023 އަށް ޑީޕޯޓްކުރެވިފައިވަނީ އެންމެ 2649 ބިދޭސީން ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ، ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމެވެ. މި ފިޔަވަހީގެ ދަށުން ބަޔޮމެޓްރިކްސް ދިން ނަމަވެސް ލީގަލައިޒޭޝަން ނުނިންމާ ތިބި ބިދޭސީން ލީގަލައިޒްކުރުމުގެ މަސައްކަތް ޖެނުއަރީ 2026 ގައި ފަށައި، ލީގަލައިޒްވުމަށްޓަކައި މިހާތަނަ 3837 އެޕްލިކޭޝަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
ކުރަނގި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހި މެއި 3، 2026 ގައި ފެށުމަށް ހަމަޖެހިފައިވާކަން ރައީސް މިއަދުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި އެވެ.
މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި، ކައުންސިލްތަކާއި އަދި އިމިގްރޭޝަންއިން ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެގިއުރަލައިޒް ނުވެ ތިބި، ނުވަތަ ސައްހަ ވޯކް ޕާމިޓްއެއް ނެތި އުޅެމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކޮށްލެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ކުރަނގި އޮޕަރޭޝަން 2 މެއި 2027 ގައި ނިމިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި އޮޕަރޭޝަން ނިމިގެންދާއިރު ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތިބިނަމަ، އެމީހުންގެ ސައްޙަ އަދަދާއި، އެއީ ކޮންބައެއްކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި ދިވެހިރާޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިތުބާރު ހުރި ދާއިމީ ހައްލެއް ކުރަނގި އޮޕަރޭޝަން ނިމިގެންދާއިރު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.