ENGLISH

05 ފެބްރުއަރީ 2026

Advertisement

އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

05 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސް މީގެ ކުރިން މީޑިއާތަކާާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް

ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރުމަށްޓަކައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. 

މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މީޑިއާއާ މަޢުލޫމާތު ޙިއްސާ ކުރުމުގައި މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމަށް ވިދާޅުވެ، ސަރުކާރުގެ ހަރަކާތްތައް ހިއްސާކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވުމުގައި، ނިމިދިޔަ އަހަރު، ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް 424 ފަހަރު، ސީދާ ވަޒީރުން ވަނީ އެކި މީޑިއާތަކަށް، މަޢުލޫމާތާއި އިންޓަރވިއު ދެއްވަން ވަޑައިގެންފައިކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިންވަނީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު މީޑިއާގެ ޒަރީޢާއިން ހިއްސާ ކުރައްވާފައިކަން ފާހަގަކުރެއްވިއެވެ.  

މިދިޔަ އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތަކަށް 1341 އާރު.ޓީ.އައި ފޮނުވާފައިވާ އިރު އޭގެ ތެރެއިން 1251 އާރު.ޓީ.އައި އަށް ޖަވާބު ދެވިފައިވާކަމަށް ވިދާޅުވެ، މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތަކަށް ފޮނުވި އާރު.ޓީ.އައިގެ 93 އިންސައްތަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކި ސަބަބުތަކާހުރެ ވަގުތު އިތުރުކުރަން ޖެހުމުގެ ސަބަބުން އަދި ޖަވާބު ނުދެވި ހުރި އާރު.ޓީ.އައި ފޯމުތަކަށް ވެސް ޖަވާބު ދެމުން ދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ކުރަމުންދާ އެކި ކަންކަމުގެ މައުލޫމާތު ދިނުމަށް މިދިޔަ އަހަރު 40،875 ޕޯސްޓު ސޯޝަލް މީޑިއާ މެދުވެރިކޮށް ޝާއިޢުކޮށްފައި ވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

އަދި މި އަހަރުގެ މާޗު މަހުން ފެށިގެން މީޑިއާއަށް ސީދާ އެމަނިކުފާނު މަޢުލޫމާތު ދިނުމުގެ ގޮތުން ޢާއްމު އުސޫލެއްގެ މަތިން، ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

"މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މަޢުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، ޢާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން ހަފްތާގެ އެއްފަހަރު ކޮންމެވެސް އެއް ވަޒީރަކު ނޫސްވެރިންނާ އެއްގަޑިއިރަށް ބައްދަލުކުރައްވާނެކަމަށެވެ. މި ބައްދަލުވުންތަކުގެ ތާވަލު ރައީސް އޮފީހުން ހާމަކުރައްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމުގައި ހަމަޖެހުން ޤާއިމްވެގެން ދިއުމުގައި އަދި، ތަރައްޤީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ހަރުދަނާ މީޑިއާއެއް ޤައުމުގައި ޤާއިމްވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން ފަސް ކާފު ހަމަ ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއްކަން ސިފަކުރައްވައި މި ސަރުކާރުން، ރައްޔިތުންގެ މި މުހިއްމު ޙައްޤު ކަށަވަރު ކޮށްދިނުމުގައި ސާބިތުވެ ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު