ENGLISH

05 ފެބްރުއަރީ 2026

Advertisement

ވިޔަފާރިތަކަށް އިންވެސްޓްކުރަން، ލުއި ލިބިގެންދާނެ ސަރަޙައްދެއްގެ ގޮތުގައި އައްޑޫ ކަނޑައަޅަން ރައީސް ނިންމަވައިފި

05 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުން. ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ވަކި ސަރަޙައްދުތަކެއް ކަނޑައަޅާނެ ކަމަށާއި، އެގޮތުން ކަނޑައަޅާ ފުރަތަމަ ސަރަޙައްދަކީ އައްޑު އަތޮޅުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަނޑައެޅޭ ވަކި މުއްދަތުތަކަކަށް ގިނަ ލުއިތަކާއެކު ކުދި އަދި މެދުފަންތީގެ އިންވެސްޓްމެންޓްތަކަށް ހުޅުވާލަން ސަރުކާރުން ނިންމާފައިވާކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ލުއިތަކާއެކު ފުރުޞަތުތައް ހުޅުވާލާއިރު، ބިމު ކުއްޔާއި އިންކަމް ޓެކްސް ފަދަ ސިދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭނެ ކަމަށެވެ. 

އެންމެ ފުރަތަމަ ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ، 1 ޖަނަވަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް، ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަޙައްދެއް ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރެއްވިއެވެ. 

"މިކަން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާއި ފަންނީ ގޮތުން މަގުފަހިކޮށްދޭންޖެހޭނެ ކަންކަން މިއަހަރު ތެރޭ ހަމަޖައްސާނަން. މީގެ ސަބަބުން އިރާދަކުރެއްވިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބޮޑަށް ފުޅާވެ، ކުރިއަރައި އެތައް ވަޒީފާއެއް އުފެދި އައްޑު އަތޮޅަށް އަދި މުޅި ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތައް އިރާދަކުރެއްވިއްޔާ ކުރާނެ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ދިވެހިރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުުގުވެރިވާ ހުރިހާ ފަރާތްތަކަކަށް ރައީސް ވަނީ ދައުވަތުދެއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވިޔަފާރިތަކަށް ލުއިފަސޭހަ ކުރުމަށް، ބޭންކުތަކުގެ މާޗަންޓް ފީ 2.5 އިންސައްތައިން 1 އިންސައްތައަށް މިހާރު ކުޑަކޮށްފައިވާނެ ކަމަށެވެ. އަދި، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ކުޑަ އިންޓަރެސްޓް ރޭޓުގައި ޖެނެރަލް ފައިނޭންސިންއަށް ހުށަހެޅުމުގެ ފުރުޞަތު 1 ފެބްރުވަރީ 2026 އިން ފެށިގެން ހުޅުވާލާފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިމާރާތްކުރަމުން އަންނަ ކްރިއޭޓިވް ހަބް މިއަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ. 

ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ޚާއްޞަކޮށްގެން އަޅާ އެ އިމާރާތުގައި މިހާރު ކުރިއަށްދަނީ 8 ވަނަ ފަންގިފިލާގެ މަސައްކަތެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އިމާރާތަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، ވިޔަފާރީގެ ކުރިއެރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކުރިއެރުމަށް މިދިޔަ އަހަރު ކުރި މަސައްކަތްތަކާއެކު، އިތުރަށް ފުޅާކޮށް މިއަހަރަކީ ވެސް އެފަދަ ގިނަ ފުރުޞަތުތައް ފަހިވެގެންދާނެ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު