ENGLISH
05 ފެބްރުއަރީ 2026
ރިސޯޓްތަކެއް ތަރައްޤީކޮށް ލިބޭ ފައިދާ ހުރިހާ ދިވެހީންނަށް ލިބޭނެ ގޮތް ހަމަޖައްސަވަން ރައީސް ނިންމަވައިފި
05 ފެބްރުއަރީ 2026
|
ރައީސް ރިޔާސީ ބަޔާން އިއްވަވަނީ --
އެންމެ މަޤްބޫލު
ރިސޯޓްތަކެއް ތަރައްޤީކޮށް އެ ރިސޯޓްތަކުން ލިބޭ ފައިދާ ހުރިހާ ދިވެހީންނަށް ހަމަހަަމަ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސަވަން ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
މަޖިލީހުގެ އައު ދައުރު ފެށުމަށް މިއަދު އޮތް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އިޤްތިސާދުގެ އެންމެ މުހިންމު މަސައްކަތަކީ ފަތުރުވެރިކަން ނަމަވެސް އެ މަސައްކަތުން ހުރިހާ ދިވެހީންނަށް ނަފާ ލިބޭނެ ގޮތް އަދިވެސް ހަމަޖެހިފައި ނެތް ކަމަށެވެ.
ފަތުރުވެރިކަމުން ބޮޑު މަންފާއެއް ލިބޭއިރު އެއީ ދިވެހީންގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކުން ހޯދަމުންދާ ނަފާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ތަންތަނުގެ ހަޤީޤީވެރީންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. އެހެން ކަމުން އެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ނަފާ ލިބޭނެ ގޮތެއް ނެތުމަކީ ޤަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން އެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ގިނަ ރިސޯޓްތަކެއް ތަރައްޤީކޮށް އެ ރިސޯޓްތަކުން ލިބޭ ފައިދާ ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
"ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްޤީކޮށް އެ ރިސޯޓްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން,"
ރައީސް ވިދާޅުވީ އެ ހުރިހާ ރިސޯޓެއްގެ ހިއްސާ ހުރިހާ ރައްޔިތުންނަށް ލިބޭ ގޮތަށް ޤާނޫނުގައި އެކަން ކަނޑައަޅުއްވާނެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ރިސޯޓްތައް ތަރައްޤީ ކުރެވި 2030 ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތް ވާނެ ކަމަށް އިންދާޒާ ކުރެވެ އެވެ.
އަދި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ ކަަމަށް ލަފާކުރެވޭ ކަމުގައި ވިދާޅ:ުވި އެވެ. އަދި ވިދާޅުވީ އެ މަޝްރޫއު ހަޤީޤަތަކަށް ހެދުމަށް ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.