ENGLISH

05 ފެބްރުއަރީ 2026

Advertisement

595 ކުދި ވިޔަފާރިއަކަށް މިހާތަނަށް 349 މިލިއަން ރުފިޔާ ދޫކޮށްފި

05 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރިޔާސީ ބަޔާން އިއްވުވުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށާއި، މި ސަރުކާރުން މިހާތަނަށް 595 ކުދި ވިޔަފާރިއަކަށް 349 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކުރިއެރުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ. 

ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައި މުޅިން އަލަށް ޓްރޭޑް މާކް ޤާނޫނެއް ވުޖޫދުކޮށް، 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ޤާއިމުކޮށްފައިވާނެ ކަމަށެވެ. އަދި، މިދިޔަ އަހަރުގެ މޯލްޑިވިއަން އެކްސްޕޯގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވިއެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސްއެމްއީ އެވޯޑް މިދިޔަ އަހަރު ދިނުމާއި، އެސްއެމްއީ ޑިޖިޓަލް ވުޖޫދުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއަކަށް ބަދަލުކުރައްވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ލޯނު ދެއްކުމުގައި ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކުގެ ލޯނު، އިސްލާމިކް ފެސިލިޓީއަށް ބަދަލުކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެކި ސްކީމްތައް މެދުވެރިކޮށް 349 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ރައީސް ހާމަކުރެއްވިއިރު، އެސްއެމްއީ ޑިޖިޓަލް ޒަމާނީ ބޭންކިން ނިޒާމަކަށް ބަދަލުކޮށް، މިހާތަނަށް ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަން އަދި އަލަށް ފަށާ ވިޔަފާރިތަކާއި، މިހާރު ހިންގަމުންގެންދާ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ވެސް ގިނަ ފައިނޭންސިން ސްކީމްތަކެއް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ތަޢާރަފްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު