ENGLISH

05 ފެބްރުއަރީ 2026

Advertisement

އިޔާދަކުރަނިވި ހަކަތު ކުރިން ހުރީ 53 މެގަވޮޓްގައި، މި ސަރުކާރުން ދެއަހަރު ތެރޭ 110 މެގަވޮޓް އިތުރުކޮށްފިން: ރައީސް

05 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ. ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރު ޤާއިމުކުރެވިފައިވާ ހަކަތައިގެ މިންވަރު ހުރީ 53 މެގަވޮޓްގައި ކަމަށާއި، މިދިޔަ ދެ އަހަރުތެރޭ 110 މެގަވޮޓް އިތުރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭން ޑީސަލް އިމްޕޯޓް ކުރުމަށް ކޮންމެ އަހަރަކު އެވްރެޖްކޮށް 443.6 މިލިއަން ޑޮލަރު ޚަރަދުކުރަންޖެހޭ ކަމަށެވެ. 

ރާއްޖެ އެތެރެކުރާ ޑީސަލްގެ ބޮޑު ބަޔަކީ ކަރަންޓު އުފެއްދުމުގެ ބޭނުމަށް އެތެރެކުރަންޖެހޭ ތެލަށް ވާއިރު، ހަކަތަ އުފެއްދުމުގައި ޑީސަލަށް ބަރޯސާވުމަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ހިރާސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އެ ގޮންޖެހުން ނައްތާލުމަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ ނިސްބަތް 2028 ވަނަ އަހަރުގެ ނިޔަލަށް 33 އަށް އިތުރުކުރުމުގެ އަމާޒެއް އެބައޮތް ކަމަށާއި، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. 

މި ސަރުކާރު ފެށުނުއިރު ހުރި 53 މެގަވޮޓަކީ 4 އިންސައްތަ ކަމަށާއި، މިހާރު އެ އަދަދު 110 މެގަވޮޓަށް އިތުރުކޮށްފައިވާކަން މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ހާމަކުރެއްވިއެވެ. އަދި، މިއަހަރުގެ ނިޔަލަށް އެ އަދަދު ދެގުނަކޮށް 220 މެގަވޮޓަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ސަރުކާރުން ޖުމްލަ އަމާޒުގެ 50 އިންސައްތަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އިޔާދަކުރަނިވި ހަކަތައިގެ ތަފާތު މަޝްރޫޢޫތައް ވެސް މިއަހަރު ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުތައް ވެގެންދާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ބޭރު ފައިސާ ބޭނުންކުރާ މިންވަރު ދަށްކުރުމަށް މަގުފަހިކޮށްދޭނެ ފިޔަވަޅުތަކަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު