ENGLISH

04 ފެބްރުއަރީ 2026

Advertisement

ކެންސަރު ފަރުވާ އަތޮޅުތެރެއަށް ފުޅާކުރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް

04 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ކެންސަރު ފަރުވާ އަތޮޅުތެރެއަށް ފުޅާކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ކެންސަރު ބަލީގައި އެކަން ތަހަންމަލު ކުރަމުންދާ މީހުން ކުރަމުންދާ ގަދަ ހިތްވަރު ފާހަގަ ކުރައްވާފަ އެވެ. އަދި އެ ބަލީން ރަނގަޅުވެ އާންމު ދިރިއުޅުމެއް އުޅެން ފުރުސަތު ލިބިފައިވާ މީހުންގެ ކުރި ހިތްވަރު ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސްގެ މެސެޖުގައި ކެންސަރު ބަލީގައި ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ދުނިޔެއާ ވަކިވެދާކަން ފާހަގަ ކުރެއްވި އެވެ. ކެންސަރަށް ހޭލުންތެރިކުރުވާއި އެ ބަލި ޖެހޭން މެދުވެރިވާ ކަންކަމާއި ދުރުހެލިވެ ފިޔަވަޅު އެޅުން މުހިންމު ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކެންސަރު ބަލީގެ ވޭން ތަޙަންމަލު ކުރަމުންދާ މީހުންނަށް އެހީތެރިވެ އޯގާތެރިވުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނުގެ މެސެޖުގައި އެންމެ މުހިންމު އެެއް ކަމަކަށް ފާހަގަ ކުރެއްވީ ރ. އުނފޫގާރުގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ކީމޯތެރަޕީގެ ޚިދުމަތް ފެށުމެވެ. މިއީ ކެންސަރަށް ދޭން ޖެހޭ އެންމެ މައިގަނޑު ފަރުވާ އެވެ. ރައީސް ވަނީ އަތޮޅުތެރޭގައި އެ ފަރުވާ ދޭން ފެށުމަކީ ކެންސަރު ފަރުވާ ހޯދާ މީހުންނަށް ލިބުނު ބޮޑު ފަސޭހައެއްކަން ފާހަގަ ކުރައްވާފަ އެވެ.

އަދި އެއީ ސިއްޙީ ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބަކާއި ކުރިއެރުމެއް ކަމުގައި ވިދާޅުވި އެވެ. މިއީ ޒަމާނުއްސުރެ ހަމައެކަނި މާލެއިން ނޫނީ ލިބެން ނެތް އެ ފަރުވާ ހޯދުމަށް ކުރަން ޖެހުނު ދަތުރަށް ލިބުނު ލުޔެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިއީ ފަރުވާ ހޯދަން ޖެހިފައިވާ އެތައް ބަޔަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބުނު ބޮޑު ލުޔެއް ކަމުގައި ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގައި ރަސްމީ ސިފައެއްގައި ކެންސަރުގެ ފަރުވާ ފެށިފައި ވަނީ 2017 ވަނަ އަހަރު އެވެ. އެހެންނަމަވެސް އޭގެ ކުރިންވެސް އެކި ގޮތްގޮތުން އެއިރަކު ދެވެން ހުރި ފަރުވާއެއް އަބަދުވެސް ދެމުން ގެންދިޔަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރު ފެށިގެން މިއަދާ ހަމަޔަށް، ގާތްގަނޑަކަށް 1900 މީހުން ކެންސަރު ބަލީގެ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 1900 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ.

ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 57 އިންސައްތަ އެވެ. ފިރިހެނުންގެ ނިސްބަތަކީ 43 އިންސައްތަ އެވެ.

ކިޔުންތެރިންގެ ހިޔާލު