ENGLISH

04 ފެބްރުއަރީ 2026

Advertisement

މަސްވެރިންނަށް މިއަދު 1.2 މިލިއަން ރުފިޔާ ދޫކޮށްފި

04 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ދިވެހި މަސްވެރިންތަކެއް މަސްވެރިކަންކުރުމުގައި. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 25 ދޯންޏަކަށް 1.2 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 2 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 1،226،524.50ރ. (އެއް މިލިއަން ދެ ލައްކަ ސައްބީސް ހާސް ފައްސަތޭކަ ސައުވީސް ރުފިޔާ، ފަންސާސް ލާރި) އެވެ.

މީގެތެރެއިން، ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް 1،083،894.50ރ. (އެއް މިލިއަން އަށްޑިހަ ތިން ހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ، ފަންސާސް ލާރި) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 07 ދޯންޏަކަށް 18،580ރ. (އަށާރަ ހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 09 ދޯންޏަކަށް 124،050ރ. (އެއް ލައްކަ ސައުވީސް ހާސް ފަންސާސް ރުފިޔާ) ވަނީ ޖަމާކޮށްދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު