ENGLISH
04 ފެބްރުއަރީ 2026
އުނގޫފާރާއި ދުވާފަރަށް ހާއްސަ ފެރީ ދަތުރުތައް މާދަމާ ފަށަނީ
04 ފެބްރުއަރީ 2026
|
އާރްޓީއެލް ސްޕީޑް ބޯރެއް:- އެޓޯލް ޓައިމްސް
އެންމެ މަޤްބޫލު
އުނގޫފާރާއި ދުވާފަރަށް ހާއްސަ ފެރީއެއް ބާއްވާން ނިންމާފައިވާކަމަށް ޓްރާސްޕޯޓު މިނިސްޓްރީން ވަނި ބުނެފައެވެ.
އެ މިނިސްޓްރީއިން ފާހަގަކުރި ގޮތުގައި މި ދެރަށަށް ފެރީ ފަށަން ނިންމާފައިވަނީ، އެ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުން ރައީސްގެ އަރިހުގައި އެދުމުންނެވެ.
މި ދެރަށަށް ފެރީ ބޭއްވުމުގެ ސަބަބުން ދުވާފަރާއި އުނގޫފާރުގެ އާންމުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށްވެސް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮންމެ ދުވަހަކު އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ފަހަރު ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހެނދުނާއި މެންދުރު އަދި ހަވީރު ހިދުމަތް ދޭނެއެވެ. ދެ ރަށް ދޭތެރޭ 10 މިނިޓުން ސްޕީޑް ފެރީގައި ދަތުރުކުރެވޭނެއެވެ.
ރީޖަނަލް ހޮސްޕިޓަލް ހުރުމާއި، އަތޮޅު ވެރިކަންކުރާ ރަށަށްވުމުން ކޮންމެ ދުވަހަކު ދުވާފަރުން ވެސް ގިނަ ބަޔަކު އުނގޫފާރަށް ދަތުރުކުރެއެވެ.
ހާއްސަ ފެރީއެއް އުނގޫފާރާއި ދުވާފަރަށް ބާއްވަން ހަމަޖެހިފައިވީ ނަމަވެސް އެ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތްތައް ދަނީ ދެމުންނެވެ.
ފެރީގެ ނިޒާމުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުމާއި އެކި ތަންތަނަށް ދިއުން ބޮޑުތަނުން ފަސޭހަވެގެންދެއެވެ.
އާރުޓީއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އަންނަ މަހު އިތުރު އަތޮޅެއްގައި އެ ޚިދުމަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.