ENGLISH
04 ފެބްރުއަރީ 2026
ލަންކާއާއެކު ހިއްސާކުރާ ރަޙުމަތްތެރިކަމާއި އެއްބައިވަންތަކަމާއެކު ގުޅުން އިތުރަށް ހަރުދަނާވާނެ: ރައީސް
04 ފެބްރުއަރީ 2026
|
28 ޖުލައި 2025، ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ރައީސަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އަވައްޓެރި ސްރީ ލަންކާއާ އެކު ހިއްސާކުރާ ރަޙުމަތްތެރިކަމާއި އެއްބައިވަންތަކަމާ އެކު ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސްރީ ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއަށް ފޮނުއްވި ތަހުނިޔާގައެވެ.
ރައީސް ޑިސަނާޔަކެ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އަހަރުގެ މިނިވަން ދުވަސް ސްރީލަންކާއާ ބައްދަލުކުރަނީ، އެ ޤައުމުގެ އިޤުތިޞާދު އިތުރަށް ހަރުދަނާކުރުމުގައްޔާއި، އެ ޤައުމުގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައްޔާއި، ޤައުމީ ކުރިއެރުމުގައި، އެ ޤައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައިކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަމުގެ ތާރީޚުން ބާރުދޭ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު ޑޮކްޓަރ އަމަރަސޫރިޔާ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުން ހިއްސާކުރާ ރަޙުމަތްތެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނޭކަމަށް ޔަޤީންކުރައްވާފައެވެ. ޚާއްޞަކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތައްކަމުގައިވާ ވިޔަފާރި، ތަރައްޤީ އަދި ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާނޭކަމަށް ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، ރައީސް ޑިސަނާޔަކެ އާއި ބޮޑުވަޒީރު ޑޮކްޓަރ އަމަރަސޫރިޔާ އަށް ދުޅަހެޔޮކަމާއި ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، ސްރީލަންކާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ތަރައްޤީ އާއި ފާގަތިކަން ލިބެމުންދިއުމަށް އެދިވަޑައިގެންފައެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ އެތައް ޤަރުނެއްވީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީ ލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީ ލަންކާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސާބިތު ޢަޒުމު، ޤާއިމުވެފައިއޮތުމަށް އެދިވަޑައިގަންނަވާފައެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިޢުމާރުން މިނިވަންކަން ލިބުން ފާހަގަކުރުމަށްޓަކައެވެ.