ENGLISH

04 ފެބްރުއަރީ 2026

Advertisement

ކަރެކްޝަންސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފި

04 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވަޒީރު އިހުސާން، ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީސް ހުޅުވައިދެއްވަނީ. ފޮޓޯ؛ ކަރެކްޝަނަލް ސާވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ހުޅުވި އޮފީހެއް ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.

ހުޅުމާލޭ ޖަލު ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ފްރަންޓް އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ.

އަދި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ކަރެކްޝަންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ ރައްޔިތުންނަށް ކަރެކްޝަނުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ އޮފީހެއް ކަމަށާއި ފްރަންޓް އޮފީހުގެ ސަބަބުން ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވީހާވެސް ގާތުން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"އެއީ ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި ސާމާނާއި، ލިޔެކިޔުންތައް ކަމުގައިވީނަމަވެސް މި އޮފީހުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ. ރައްޔިތުންނަށް އެއް ދިމާލަކުން މި ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާ ދުވަހެއް މިއަދަކީ. މި ޚިދުމަތުގެ ސަބަބުން އިދާރީ ގުޅުންތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ. " - ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން

ވަޒީރު ވަނީ މި އޮފީހަކީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވިގެން ގޮސް ޚިދުމަތްތަކަށް ފަސޭހަކަމާއެކު ރައްޔިތުންނަށް އެކްސަސް ކުރެވިގެންދާނެ ވަން ސްޓޮޕް ތަނެއް ކަމަށް ވިދާޅުވެފައެވެ.

ކަރެކްޝަންސްއިން ބުނީ މިއަދު ހުޅުވި ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކުރުމާ ގުޅޭ މަސައްކަތްތަކާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޜަން އަދި ކޮމާންޑްތަކާ ޙަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ފަހިކޮށްދީފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު